11 Feb 2017, 21:57
ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް ޓްވިން އޮޓާ މަރުކާގެ އާ ބޯޓެއް ގެނެސްފިއެވެ.
މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގައި ފަހަކާ ޖެހެންދެން 10 ސީޕްލޭން އޮތް ނަމަވެސް، އޭގެ ތެރެއިން ދެ އެއާކްރާފްޓަކީ ކުރު މުއްދަތުގެ ކުއްޔަށް ގެނައި ދެ ބޯޓެވެ. އެ ދެ ބޯޓު މިހާރު ވަނީ އަނބުރާ ފޮނުވާލާފައެވެ.
މިރޭ މޯލްޑިވިއަންގެ ފްލީޓާ ގުޅުނު ޓްވިން އޮޓާ މަރުކާގެ އާ އެއާކްރާފްޓާ އެކު، އެ އެއާލައިނުގެ ސީޕްލޭން ފްލީޓުގައި މިހާރު ނުވަ ބޯޓު އޮންނާނެއެވެ.
ސްވިޓްޒަލެންޑުން ފުރައިގެން އައި ޓްވިން އޮޓާ މަރުކާގެ މި އެއާކްރާފްޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިރޭ މިރޭ 7:55 ހާއިރުއެވެ.
މޯލްޑިވިއަންއިން ބުނީ، ހަފްތާއެއްގެ ތެރޭގައި މި ބޯޓުގައި ފްލޯޓު ހަރުކޮށް، ސީޕްލޭން އޮޕަރޭޝަންސްތަކުގައި ބޭނުން ކުރަން ފަށާނެ ކަމަށެވެ.
ސީޕްލޭންގެ ޚިދުމަތްތައް ފުޅާކުރުމަށާއި ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މޯލްޑިވިއަންއިން ވަނީ ޓްވިން އޮޓާ އެއާކްރާފްޓުތަކުގެ މެއިންޓެނަންސަށް ޚާއްސަ ހެންގަރެއް ފަރުމާކޮށްފައެވެ.
މިރޭ ގެނައި އެއާކްރާފްޓާ އެކު މޯލްޑިވިއަންގެ ފްލީޓުގައި އޮންނާނީ ޖުމްލަ 20 އެއާކްރާފްޓެވެ.
އެއީ އެއާބަސްގެ ދެ ބޯޓާއި، ސީޕްލޭނަށް ޚާއްސަ ނުވަ ޓްވިން އޮޓާ މަރުކާގެ ބޯޓާއި، ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަ، ޑޭޝް8 މަރުކާގެ ނުވަ ބޯޓެވެ.