އައްޑޫ ސިޓީގެ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ކަރަންޓުގައި ޖެހި އެކަކުގެ ހާލު ސީރިއަސް ވެއްޖެ އެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓުގައި ޖެހިފައިވަނީ އެ ކުންފުނީގެ ހިތަދޫ ބްރާންޗުގެ ދެ ޓެކްނީޝަނުންނަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަރު ޝާހު ސައީދު މިރޭ ސަން އަށް ވިދާޅުވީ ކަރަންޓުގައި ޖެހިގެން ގެނައި ދެ މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމުން އެމީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

އެ ހާދިސާގައި ކަރަންޓު ޖެހުނީ، ފެނަކައިގެ ހިތަދޫ ބްރާންޗުގައި ޓެކްނީޝަނުންގެ ގޮތުގައި މަސައްކަތްކުރާ މުހައްމަދު ނާޒިމާއި މުހައްމަދު މުނައްވަރުގެ ގައިގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ދެމީހުން ކަރަންޓުގައި ޖެހުނީ ހިތަދޫ ސްޓޭޑިއަމަށް ކަރަންޓު ދިނުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.

އެ ދެމީހުންގެ ތެރެއިން ހާލުދެރަވެ، އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ މުހައްމަދު ނާޒިމަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިރޭ 7:20 ހާއިރު ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.