މޮސްކޯ (ފެބްރުއަރީ 11): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް 'ހަދިޔާ'އެއްގެ ގޮތުގައި އެޑްވާޑް ސްނޯޑެން އެގައުމާ ހަވާލު ކުރަން ރަޝިއާއިން ވިސްނަމުންދާ ކަމަށް ޔޫއެސް އިންޓެލިޖެންސްއާ ގުޅުން ހުރި އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އެންބީސީގައިވާ ގޮތުން ޔޫއެސް އިންޓެލިޖެންސް ރިޕޯޓަކާ ހަވާލާދީ އޮފިޝަލު ވިދާޅުވީ ސްނޯޑެން ހަވާލުކުރުމަކީ ރައީސް ޓްރަމްޕާ ގުޅުން ބަދަހި ކުރުމުގެ ގޮތުން ރަޝިއާއިން ކުރަން ވިސްނަމުންދާ ކަންތަކުގެ ތެރެއިން ކަމެއް ކަމަށެވެ.

ނަމަވެސް ސްނޯޑެންގެ ވަކީލު ބެން ވިޒްނާގެ އިތުރުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވަނީ އެރިޕޯޓުތައް ދޮގުކުރައްވާފަ އެވެ.

އަދި އެރިޕޯޓުތަކާ ގުޅިގެން ވައިޓް ހައުސްއިން ވަކި އެއްޗެކޭ ބުނެފައި ނުވި ނަމަވެސް ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ ސްނޯޑެންއަށް އެމެރިކާއަށް ދިޔުމަށް މަރުހަބާ ކިޔާ ކަމަށް ބުނެފަ އެވެ.

ދެހާސްތޭރަ ވަނަ އަހަރު ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ ސްނޯޑެންއަކީ ޖާސޫސެއް ކަމަށާއި އޭނާއަށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން އެމެރިކާގެ ގައުމީ ސަލާމަތީ އިދާރާ (އެންއެސްއޭ)ގައި މަސައްކަތް ކުރުމަށް ފަހު ސްނޯޑެން ވަނީ އެއިދާރަ އިން ފޯނުކޯލާއި އިންޓަނެޓް ހަރަކާތްތައް ބަލައިގެން އާއްމުންނަށް ޖާސޫސުކުރާކަން ހާމަވާ ސިއްރު ލިޔުންތަކެއް ލީކުކޮށްފަ އެވެ. އޭގެ ފަހުން އެމެރިކާ އިން އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރުމުން ސްނޯޑެން ވަނީ ރަޝިއާ އިން ހިމާޔަތް ހޯދައިފަ އެވެ.

އޭގެ ސަބަބުން އެމެރިކާ ސަރުކާރުން ސްނޯޑެންގެ މައްޗަށްކޮށްފައިވާ ޖާސޫސު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 30 އަހަރުގެ ޖަލު ހުކުމް އައުން އެކަށީގެންވެ އެވެ.

އެމެރިކާއާ ސްނޯޑެން ހަވާލުކުރުމަށް ރަޝިއާއިން ވިސްނަމުންދާ ކަމަށް ބުނާ ރިޕޯޓުތަކަށް އިޝާރާތްކޮށް އޭނާ ބުނާ ގޮތުގައި އޭގެއިން ދޭހަވަނީ އޭނާ ރަޝިއާގެ ޖާސޫސީ އިދާރާތަކާއެކު މަސައްކަތް ނުކުރާ ކަމެވެ. (އެންބީސީނިއުސް)