11 Feb 2017, 18:17
ގައުމީ ޔުނިވާސިޓީގައި ގާނޫނީ ވަކީލުކަން ކިޔަވާ ދަރިވަރުން ގެވެށި އަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކޮށްފިއެވެ.
ގައުމީ ޔުނިވާސިޓީގައި ގާނޫނީ ވަކީލުކަން ކިޔަވާ 22 ދަރިވަރަކަށް އިއްޔެ އާއި މިއަދު ފެމެލީ ލީގަލް ކުލިނިކް އިން ވަނީ ގެވެށި އަނިޔާގެ ގާނޫނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފައެވެ.

ފެމިލީ ލީގަލް ކުލިނިކްގެ ކޯ ފައުންޑާ އަދި ގާނޫނީ ވަކީލް ޝަފީއާ ރިޒާ ސަން އަށް ވިދާޅުވީ އެވޯކް ޝޮޕްގެ ސަބަބުން ގާނޫނީ ދާއިރާއަށް ނުކުންނަން ތިބިކުދިން ގެވެށިއަނިޔާގެ ގާނޫނަށް އަހުލުވެރިވެ މީހުންނަށް ލަފާ ދިނުމަށް ތައްޔާރުވާނެ ކަމަށެވެ.
އެވޯކްޝޮޕްގެ ބައިވެރިއެއްކަމަށްވާ މިންހާ އަބްދުލް މުހުސިން ވިދާޅުވީ ގެވެށި އަނިޔާގެ ގިނަގުނަ މައުލޫމާތުތަކަކާއި އެކަމަށް ހައްލު ހޯދައިދޭނެ ފަރާތްތަކުގެ މައުލޫމާތު ލިބިގެންދިޔަ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެފަދަ މައްސަލަތަކުގައި މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީގެ ސުޓޫޑެންޓް ޔޫނިއަންެގެ އިލްމީ ގޮފީގެ ނައިބް ރައީސް އަހުމަދު ޝާފިއު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެޔުނިވާސިޓީގެ އެކިއެކި ދާއިރާތަކުން ތައުލީމް ހާސިލް ކުރާ ދަރިވަރުންނަށް އެވޯކް ޝޮޕް ކުރިއަށްގެންދާނެ ކަމަށެވެ.