11 Feb 2017, 18:28
ވޮޝިންޓަން (ފެބްރުއަރީ 11): ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ދިޔުން މަނާ ކުރަން އާއަމުރެއް ނެރޭނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އާ އަމުރެއް އަންނަ ހޯމަ ނުވަތަ އަންގާރަ ދުވަހު ނެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އާއަމުރާއި ކުރީގެ އަމުރާ މާބޮޑު ތަފާތެއް ނުހުންނާނެ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލު ރައީސް ޓްރަމްޕް ނުދެއްވަ އެވެ.
ޓްރަމްޕް އެފަދައިން ވިދާޅުވެފައި ވަނީ ސީރިއާ، އިރާން، އިރާގު، ލީބިއާ، ސޫދާން، ސޯމާލިއާ އަދި ޔަމަނުގެ ރައްޔިތުން އެމެރިކާއަށް ދިޔުން މަނާ ކުރުމަށް ރައީސް ކުރެއްވި އަމުރު ކޯޓުން ހުއްޓުވި މައްސަލަ އިސްތިއުނާފު ކުރުމުން، ކޯޓުގެ ނިންމުން ދެމެހެއްޓުމަށް ސެން ފްރެންސިސްކޯގެ ކޯޓަކުން ނިންމުމުންނެވެ.
އިސްތިއުނާފު ކޯޓުން ބުނި ގޮތުގައި ވަކި ގައުމުތަކެއްގެ ރައްޔިތުން އެމެރިކާއަށް ދިޔުން މަނާ ކުރަންވީ ސަބަބުގެ އެއްވެސް ހެއްކެއް ޓްރަމްޕް ސަރުކާރަށް ދެއްކިފައި ނުވެ އެވެ.
ނަމަވެސް ރައީސް ޓްރަމްޕް ވިދާޅުވާ ގޮތުގައި އެފިޔަވަޅަކީ އެގައުމުގެ ރައްޔިތުން ޓެރަރިސްޓު ހަމަލާތަކުން ރައްކާތެރި ކުރުމަށް އެޅި ފިޔަވަޅެކެވެ. އަދި އެމައްސަލަ އަނެއްކާވެސް އިސްތިއުނާފު ކުރާނެ ކަމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ އިއްޔެ ބުނެފަ އެވެ. (ބީބީސީ)