އަންހެން ކުދިންނަށް ހާއްސަކޮށްގެން ވިލިމާލޭގައި ގާއިމްކުރި ރީހެބިލިޓޭޝަން ސެންޓަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

އެ ސެންޓަރު ރައީސް ހުޅުވައިދެއްވީ މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ޑޮކްޓަރ މުހަންމަދު ވަހީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަކީ ސަރުކާރުގެ މައިގަނޑު ފަސް ވައުދުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުކަން ފާހަގަކުރެއްވި އެވެ. އަދި ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެކަމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމުގައި ވިދާޅުވި އެވެ.

ސަރުކާރު ވެރިކަމަށް އައި ފަހުން، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމުގެ ހިދުމަތް ފުޅާކުރުމަށްޓަކައި ތަފާތު އެކިއެކި މަސައްކަތްތައް ކުރަމުންގެންދާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ވިލިމާލޭގައި ޑީޓޮކްސް ސެންޓަރަކާއި އައްޑުއަތޮޅުގައިވެސް ޑީޓޮކްސް ސެންޓަރެއް ގާއިމުކުރެވި، އެތަންތަނުން ފިރިހެން ކުދިންނަށް ހިދުމަތް ދެވެމުންދާ ކަން އެމަނިކާނު ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް، މިހާތަނަށް އަންހެންކުދިންނަށް ފަރުވާ ލިބޭނެ ވަކި މަރުކަޒެއް ނެތުމާއެކު، އެކަމަށް މަސައްކަތް ކުރައްވައި، އެފަދަ މަރުކަޒެއް ގާއިމުކުރެއްވި ކަމަށްޓަކައި، ހެލްތް މިނިސްޓްރީ އަށާއި ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރީހެބިލިޓޭޝަން ސާވިސަސްއަށް ނައިބު ރައީސް ޝުކުރުއަދާކުރެއްވި އެވެ.

މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރެއްވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، އެކަމަށް ދެވޭ ތަމްރީންތައް ވަރުގަދަ ކުރަމުންދާ ކަމަށާއި، ބޭރުގެ އެހީގައި ޑީޑީޕީއާރުއެސްގެ ތަމްރީނުތައް ވަރުގަދަކޮށް، ތަހުގީގުކުރުމުގެ އިތުރު ހުނަރުތައް ދަސްކޮށް ދިނުމުގެ އިތުރުން، ރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

އެކި މަރުކަޒުތަކުން ފަރުވާ ލިބިގެން އަނބުރާ މުޖުތަމައަށް ނުކުންނަ ކުދިންނަށް ދިރިއުޅުމުގައި ކުރިއަށް ދިޔުމުގައި އެކި ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދުނުމަށް ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ 12 ވަރަކަށް އަމިއްލަ ޖަމްޢިއްޔާތަކަށް ސަރުކާރުން އެހީ ދޭ ކަމަށާއި، އެޖަމްއިއްޔާތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައްޗަށް ބަލައި، ކުރިއަށް އޮތް ތަނުގައިވެސް އެހީ ދެމުން ގެންދާނެ ކަމުގައި ވިދާޅުވި އެވެ. އަދި، އެފަދަ ކުދިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވުމަށްޓަކައި ރައީސް ނަޝީދުގެ އިސްނެންގެވުމުގެ މަތިން، އެކިއެކި ކުންފުނިތަކުގައި އެދިވަޑައިގެންފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

މިފަދަ ގިނަ ކުދިން ވަޒީފާގެ ބާޒާރަށް ނެރުމަށްޓަކައި، ހާއްސަކޮށް ސަރުކާރުގެ ކުންފުނިތަކަށް ނައިބު ރައީސް ހިތްވަރު ދެއްވައި ގޮވާލެއްވި އެވެ. އަދި ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ގޮތުގެ މަތިން، ރަނގަޅުވެގެން މުޖުތަމައަށް ނުކުންނަ ކުދިންގެ މާޒީގެ ރެކޯޑަށް މާބޮޑަށް ނުބަލައި، ކަނޑައެޅިފައިވާ ގޮތުގެ މަތިން، އެފަދަ ކުދިން ކުރިއަށް ދިޔުމަށް ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުންވެސް ފުރުސަތު ހުޅުވައިދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.