11 May 2010, 15:14
19:00
ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ބޭނުންކުރާ ވައްތަރުގެ އުޅަނދެއް އދ. މަހިނބަދޫ މަސްވެރިންގެ ބަޔަކު ހޮވައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ސޯމާލިއާގެ އެ ބޯޓަކީ ކޮންމެވެސް ބަޔަކު ބޭނުންކޮށްފައި ދޫކޮށްލައިފައި އޮތް އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އާދައިގެ އަނގަމަތި މަސްދޯންޏެއް ވަރުގެ އެ ބޯޓްގައި ކޮންމެވެސް ވަރަކަށް ބަޔަކު ދިރިއުޅެފައިވާ ކަން އެނގޭ ކަމަށާއި ކޮންމެވެސް ވަރަކަށް އެ ދޯނީގައި ހިފައިގެންގުޅޭ އެއްޗެހި ހުރި ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު ފެނުނު އެބޯޓާ ބެހޭ މަޢުލޫމާތު ހޯދަމުންދާ ކަމަށްވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެބޯޓުގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި، އަންނައުނުގެ އިތުރުން ތެޔޮ ހިމެނެ އެވެ.
ހަތް މީހުންނާއެކު ހާލުގައި ޖެހިފައި އޮތް ސޯމާލިޔާގެ މަސްބޯޓެއް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ މުޅި ދުނިޔެއަށް ވެސް ބޮޑުވެފައިވާއިރު ރާއްޖެ އާއި އޮމާންގެ ސަލާލާ އާ ގުޅޭ ރޮނގުން ފެށިގެން ހުޅަނގާއި ދެކުނަކީ ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ ބޮޑު ހިސާބެއް ކަމަށް އިންޑިޔާގެ ސަރުކާރުން ވަނީ މިދޔަ މަހު ނިންމާފަ އެވެ.