11 Feb 2017, 15:59
އަންކަރާ (ފެބްރުއަރީ 11) : ތުރުކީގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް ޓަކައި އެގައުމުގެ ގާނޫނު އަސާސީ (ދަސްތޫރު) އަށް ގެނައި ބަދަލު ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ތަސްދީގު ކުރައްވައިފި އެވެ.
މިބަދަލުތަކާ އެކު އައު ގާނޫނު އަސާސީގެ ދެލިކޮޕީ ތަސްދީގު ކުރެއްވުމަށް ފަހު އުރުދުޣާން ވިދާޅުވީ މިއީ ތުރުކީއަށް ހަމަޖެހުން ގެނައުމަށްޓަކައި ދަސްތޫރަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލެއްކަމަށާއި ތުރުކީގެ މުސްތަގްބަލު އޮތީ ރިޔާސީ ނިޒާމާއެކުގައި ކަމުގައެވެ. ނަމަވެސް އުރުދުޣާނާ އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ އުރުދުޣާން ދިގުމުއްދަތަކަށް ވެރިކަން ކުރެއްވުމަށާއި ޚުދުމުޚްތާރު ގޮތްތައް ބޭނުން ކުރެއްވުމަށް ޓަކައި އޭނާ ހައްދަވާ އުކުޅެއް ކަމުގަ އެވެ.
ތުރުކީގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް ޓަކައި އެގައުމުގެ ގާނޫނު އަސާސީ އަށް ގެނައި ބަދަލުތަކާ އެކު ތުރުކީގެ އައު ގާނޫނު އަސާސީގެ ދެލިކޮޕީގައި ހިމެނެނީ 18 މާއްދާ އެވެ. އައު ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅައިގެން ރައްޔިތުންގެ 50 ޕަސެންޓަށް ވުރެ ގިނަ މީހުން އައު ގާނޫނު އަސާސީ އަށް ތާއީދުކޮށްފި ހާލަތެއްގަ އެވެ.
އުރުދުޣާން އާ ދެކޮޅަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ބާރާއި ނުފޫޒު ކުޑަކަމުން ރައްޔިތުންގެ 50 ޕަސެންޓް އަށް ވުރެ ގިނަ މީހުން އައު ގާނޫނު އަސާސީ އަށް ތާއީދުކުރާނެކަމަށް ވަނީ ބެލެވިފަ އެވެ. ވެރިކަންކުރާ ޖަސްޓިސް ޕާޓީން މިހާރު ވެސް ގެންދަނީ މިކަމަށް ޓަކައި ކޭންޕޭން ވެސް ކުރަމުންނެވެ. އައު ގާނޫނު އަސާސީ އަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓު ނެގުމަށް ތުރުކީގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ކަނޑައަޅާފައިވާ ތާރީޚަކީ އަންނަ އެޕްރީލް މަހުގެ 16 ވަނަ ދުވަހެވެ.
ބަދަލުތަކާ އެކު އެކުލަވާލާފައިވާ ތުރުކީގެ އައު ގާނޫނު އަސާސީގެ ދެލިކޮޕީގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ރައީސްގެ ގާނޫނީ ތަންފީޒީ ބާރުތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށްފައިވުން ހިމެނެ އެވެ. މިގޮތުން ހުރިހާ ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ އެންމެހާ ބޭފުޅުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބޭނީ ރައީސަށެވެ. އަދި ޝަރުއީ ނިޒާމުގެ ބައެއް ކަންކަމުގެ ތެރެއަށް ސީދާގޮތެއްގައި ވަނުމުގެ ބާރުވެސް އައު ގާނޫނު އަސާސީގައި ރައީސް އަށް ލިބިދީފައިވެ އެވެ.
މިގޮތުން ފަނޑިޔާރުންނާ އަދި އެޓާނީންނާއި ޕްރޮސެކިއުޓަރުންގެ އައްޔަންކުރާނެ އެންމެ މަތީ މަޖިލީހެއް އެކުލަވާލުމުގެ ބާރު ރައީސަށް ލިބިދީފައިވާއިރު އެމަޖިލީހުގެ 11 މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ޢައްޔަން ކުރުމުގެ ބާރު ލިބިދެނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަނެއް ހަތް މެންބަރުން އައްޔަން ކުރާނީ ޕާލަމެންޓުންނެވެ. މީގެއިތުރުން ޕާލަމެންޓްގެ ހުއްދައަކާނުލައި ހަ މަސް ދުވަހުގެ މުއްދަތަށް ގައުމުގައި ކުއްލި ހާލަތު އިޢްލާން ކުރުމުގެ ބާރުވެސް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވެ އެވެ.
އައު ގާނޫނު އަސާސީގައި ގާނޫނުތައް އެކުލަވާލުމުގެ ބާރު ޕާލަމެންޓަށް ލިބިދީފައިވީ ނަމަވެސް އެއްވެސް ގާނޫނެއް ތަންފީޒު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެގާނޫނެއް ތަސްދީގު ކުރެއްވުމުންނެވެ. އައު ގާނޫނު އަސާސީގައި ރިޔާސީ ދައުރަކީ ފަސް އަހަރުގެ މުއްދަތެއްކަމަށް ކަނޑައަޅާފައިވާ އިރު އެއްދައުރު ނިމިގެން ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރްސަތު ވެސް ރައީސަށް ލިބިދީފައިވެ އެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަތުމުގެ ފުރްސަތު ވެސް ރައީސަށް ލިބިވަޑައިގަންނަވަ އެވެ. ތުރުކީގައި މިހާރު އޮންނަ ގޮތުން ސިޔާސީ އެއްވެސް ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަތުމުގެ ފުރްސަތު ރައީސަކަށް ނޯވެއެވެ. 2003 ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރެއްގެ ގޮތުންނާއި ރައީސެއްގެ ގޮތުން ތުރުކީގައި ވެރިކަން ކުރައްވަމުން ގެންދަވަނީ އުރުދުޣާން އެވެ. މިހާރު ތުރުކީގައި އޮންނަ ގާނޫނު އަސާސީ އަކީ 1980 ވަނަ އަހަރު އެގައުމަށް ގެނައި އަސްކަރީ އިންގިލާބަށްފަހު 1982 ގައި އެކުލަވާލި ބަރުލަމާނީ ނިޒާމުގެ ގާނޫނު އަސާސީއެކެވެ. އައު ގާނޫނު އަސާސީގައި ޕާލަމެންޓް މެންބަރުންގެ އަދަދުވެސް 550 ން 600 އަށް އިތުރުކުރުން ހިމެނެ އެވެ. (ނޫސްއެޖެންސީތައް)