11 Feb 2017, 15:00
މަގުތަކުގައި ހިނގާ ފަރާތްކަށާއި އެއްގަމު ދަތުރުފަތުރުތަކަށް އުނދަގޫވާގޮތަށް މާލޭގެ މަގުތަކުގައި ގިނަދުވަސްތަކެއްވަންދެން ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމިފިއެވެ.
ފުލުހުން ބުނީ އެފަދަ އުޅަނދުތައް ޓޯ ކުރުމަށް ނިންމީ މަގުމަތީގެ ކާރުބާރު ބޮޑުވެ ތޮއްޖެހުން އިތުރުވެގެން ދިޔުމުންނާއި އާއްމު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދިނުމުގެ ގޮތުން އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ.
ނެގުމަށް ނިންމާފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް ކާރުބާރު ބޮޑުވާ ސަރައްހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓަފއި ހުންނަ އުޅަނދުތައް ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ބާވެ ހަލާކުވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ހުންނަ އުޅަނދުތައް އެކި ދުވަސްމަތިން ނެގުމުގެ މަސައްކަތް ކުރަމުން ދާނެކަމަށްވެސް ފުލުހުން ބުންޏެވެ.
އެހެންކަމުން ގަވާއިދާ ހިލާފަށް މަގުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމަށް އެ އުޅަނދުތަކުގެ ވެރިފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތަށް ޓޯ ކުރުމުގައި ލިބޭ ގެއްލުން ތަކަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ޒިންމާ ނުވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.