ދިއްލީ(ފެބްރުއަރީ 11): ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާގެ މަޖިލިސް އިންތިހާބުތައް މިހާރު ވަނީ ފަށައިފައެވެ. އޭގެ ތެރެއިން މިހާރު ކުރިއަށްދާ އެންމެ މުހިއްމު އެއް އިންތިހާބަކީ އުއްތަރަ ޕްރަދޭޝްގެ މަޖިލިސް އިންތިހާބެވެ.

އުއްތަރަ ޕްރަދޭޝްގެ މަޖިލިސް އިންތިހާބު އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އިދިކޮޅު ޕާޓީތަކަށް މުހިއްމުވާ އެއް ސަބަބަކީ އެ ސްޓޭޓަކީ އިންޑިއާގެ އެންމެ ބޮޑު އާބާދީ އޮންނަ ސްޓޭޓަށް ވާތީ އެވެ. އެހެންކަމުން ޖުމްލަ 80 ގޮނޑިއާ އެކު އުއްތަރަ ޕްރަދޭޝްއަކީ ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ނިސްބަތްވާ ސްޓޭޓެވެ.

ދެހާސް ސާދަ ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބުގައި މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ން ވަނީ އުއްތަރަ ޕްރަދޭޝްގެ 71 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އަޣްލަބިއްޔަތު ޔަގީން ކުރުމަށް އެ ސްޓޭޓުގެ މެމްބަރުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

އެހެންކަމުން މިއަހަރުވެސް މޯދީގެ ބީޖޭޕީއަށް އުއްތަރަ ޕްރަދޭޝްގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރެވިއްޖެ ނަމަ އޭނާއަށް އަދިވެސް އެސްޓޭޓުގައި ތާއިދު އޮތްކަން ހާމަވެގެން ދާނެ އެވެ. އަދި ގިނަ ބަޔަކު ދެކޭ ގޮތުގައި އުއްތަރަ ޕްރަދޭޝްގެ މަޖިލިސް އިންތިހާބަކީ 500 އާއި 1000 ރުޕީސްގެ ނޫޓު އުވާލުމަށް މިދިޔަ އަހަރު މޯދީ ނިންމެވި ނިންމެވުމަށް ރައްޔިތުންގެ ރުހުން އޮތްކަން ނުވަތަ ނެތް ކަން ހާމަކޮށްދޭނެ އިންތިހާބެކެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވާ ގޮތުގައި އެނޫޓުތައް އުވާލީ އިންޑިއާއިން ކޮރަޕްޝަނާއި ކަޅު ފައިސާ އުވާލުމަށްޓަކައެވެ. ނަމަވެސް ކުއްލިއަކަށް އެނޫޓުތައް އުވާލުމުގެ ސަބަބުން ގައުމުގެ އިގުތިސާދަށް ނޭދެވޭ އަސަރުތައް ކުރިކަންވެސް މޯދީގެ ސަރުކާރުން ވަނީ ގަބޫލު ކޮށްފައެވެ.

އުއްތަރަ ޕްރަދޭޝްގެ ގިނަ ގޮނޑިތައް ބީޖޭޕީއަށް ކާމިޔާބު ކުރެވިއްޖެ ނަމަ އެއީ 2019 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެޕާޓީއަށް ކާމިޔާބު ކުރެވިދާނެ ކަމުގެ ސިގްނަލެކެވެ. ނަމަވެސް އެ އިންތިހާބުން ގިނަ ގޮނޑިތައް ބީޖޭޕީއަށް ކާމިޔާބުނުކުރެވިއްޖެ ނަމަ އެއީ މައި އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ލިބިގެންދާނެ ބޮޑ ހިތްވަރެވެކެވެ.

މީގެ އިތުރުން، އެފަދަ ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިއްޖެ ނަމަ މޯދީގެ ހަރުކަށި ލީޑާޝިޕާ ބެހޭ ގޮތުން ބީޖޭޕީގެ އެތެރޭގައިވެސް ސުވާލުތައް އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ.

އުއްތަރަ ޕްރަދޭޝްގެ މަޖިލިސް އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނީ އަންނަ މަހުގެ 11އިގައެވެ. (އިކޮނޮމިސްޓް)