27 Jun 2011, 14:17
ފުލުހުންގެ ގާނޫނުން ޕޮލިސް އިންޓަގްރިޓީގެ ކޮމިޝަންގެ މާއްދާތައް އުނިކޮށް، އެ ކޮމިޝަނަށް ވަކިން ހާއްސަ ގާނޫނެއް ހަދައި، މަޖިލީހުން އެކުލަވާލައި ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލް މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
މިނިވަން މުއައްސަސާތަކަށް ގާނޫނުތައް ހަދާފައިވާ އުސޫލުން، ޕޮލިސް އިންޓަގްރެޓީ ކޮމިޝަނަށް ވަކި ގާނޫނެއް ހަދައި މިނިވަންކަމާ އެކު ފުލުހުންގެ މަސައްކަތްތަކަށް ފާރަވެރިވުމަށް ޓަކައި ހުށަހެޅުއްވި ބިލް މިއަދު މަޖިލީހުން ބަލައިގަތުމުން، އެ ބިލް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ފޮނުވާފަ އެވެ.
ޕޮލިސް އިންޓަގްރެޓީގެ ބިލް މަޖިލީހުން ބަލައިގަންނަން ފެނޭތޯ ބެލުމަށް މިއަދު ނެގި ވޯޓްގައި ބައިވެރިވި 67 މެންބަރުންގެ ތެރެއިން 36 މެންބަރުން ވޯޓް ދެއްވާފައި ވަނީ ބިލް ބަލައިގަންނަ ފެންނަ ކަމަށެވެ. އަދި 31 މެންބަރުން ވޯޓް ދެއްވާފައި ވަނީ ބިލް މަޖިލީހުން ބަލައިގަންނަން ނުފެންނަ ކަމަށެވެ.
ޕޮލިސް އިންޓަގްރެޓީ ކޮމިޝަންގެ ބިލް މަޖިލީހަށް ހުށަހެޅުއްވި ސަބަބު ބަޔާންކޮށްދެއްވަމުން ޕީއޭ އަށް ނިސްބަތްވެވަޑައިގަންނަވާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕޮލިސް އިންޓްގްރިޓީ ކޮމިޝަންގެ ގާނޫނެއް ވުޖޫދަށް އައުމުން ފުލުހުންގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ފުލުހުންގެ މައްސަލަތައް ބެލުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ކޮމިޝަން ހެދޭނެ ކަމަށެވެ. އަދި ފުލުހުންގެ މައްޗަށް ކުރެވޭ ޣައިރު ގާނޫނީ އަމަލްތަކާ މެދު ފުލުހުންގެ ގާނޫނުގެ ދަށުން އެ އަމަލްތައް ހުއްޓުވައި އެކަންކަން ބަލައި ފިޔަވަޅު އެޅޭނެ ފަދަ މުއައްސަސާއަކަށް އެ ކޮމިޝަން ހެދޭނެ ކަމަށް ވެސް އަބްދުރަހީމް އަބްދުﷲ ވިދާޅުވި އެވެ.