އއ. ތޮއްޑޫގައި އިއްޔެ މެންދުރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އެބަގެންދެ އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ އިއްޔެ މެންދުރު ފަހު 13:30 އެހާކަންހާއިރު އެވެ. އެކްސިޑެންޓް ހިނގި އިރު ސައިކަލުގައި ތިން މީހުން ތިއްބެވެ. ސީރިއަސް ޒަހަމްތަކެއް ލިބިފައި ވަނީ ސައިކަލު ދުއްވަން އިން ޒުވާނާއަށް ކަމަށް މައުލޫމާތު ލިބެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ތިން މީހުން އަރައިގެން ދުއްވި ސައިކަލު ކޮންޓްރޯލުން ނައްޓައިގެން ގޮސް މަގެއްގައި އިން ރުކެއްގައި ޑްރައިވަރުގެ މޫނުމަތި ޖެހިގެންނެވެ. ޑްރައިވަރުގެ އުމުރަކީ 34 އަހަރެވެ.

އޭނާ އަށް އިއްޔެ ތޮއްޑޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ގެންދިޔަ އިރު ހޭ ނެތްކަމަށް ވަނީ އެނގިފަ އެވެ. އަދި ހާލު ސީރިއަސް ކަމަށް ބެލެވޭތީ އޭނާ ވަނީ ގާތްގަނޑަކަށް 4:30 ހާއިރު އިތުރު ފަރުވާއަށް މާލެއަށް ގެނެސްފަ އެވެ. އެމެޖެންސީގައި ރޭ ގާތްގަނޑަކަށް 8:30 ވަންދެން ފަރުވާ ދިނުމަށް ފަހު މިހާރު އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި ނޭވާލަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. ޑޮކްޓަރު ފަރުވާދެމުން އަންނާތީ އޭނާގެ ހާލަތާމެދު އިތުރު އެއްޗެއް މިވަގުތު ބުނެވެން ނެތްކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭނާގެ މޫނުމަތި، ބޮލާއެކު ރުކުގައި ޖެހުމުގެ ސަބަބުން ވަނީ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފަ އެވެ. އިއްޔެ އެކްސިޑެންޓްވީ ވަގުތުން ފެށިގެން އަދި ވެސް އޭނާ ހޭ ނާރާ ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.

އެކްސިޑެންޓްވީ ސަރަހައްދުގައި އެވަގުތު ހުރި މީހަކު ބުނީ، އެ އެކްސިޑެންޓްވީ ޒުވާނާ ވެއްޓިފައި އޮތް ތަނަށް ގިނަ އަދަދެއްގެ ލޭ އެޅިފައި އޮތް ހުރި ކަމަށެވެ.

އެކްސިޑެންޓް ހިނގި އިރު ސައިކަލުގައި ދެން ތިބި ދެމީހުންނަށް ވެސް ވަނީ އެއަތޮޅު ރަސްދޫ ހޮސްޕިޓަލުން ފަރުވާދީފަ އެވެ. އެ ދެމީހުންގެ ހާލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބެ އެވެ.