11 Feb 2017, 09:56
ވޮޝިންޓަން(ފެބްރުއަރީ 11): އެމެރިކާގެ ޚާރިޖީ ވަޒީރު ރިކް ޓިލްރެސަން، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ ފޯނުން ގުޅުއްވައި އިސްލާމީ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމާބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނިގޮތުގައި ދެބޭފުޅުންގެ ވާހަކަތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އިސްލާމީ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމާބެހޭގޮތުންނާއި ޔަމަންގެ ހަނގުރާމައާ އަދި ސޫރިޔާގެ މައްސަލައާބެހޭގޮތުންނެވެ. މީގެއިތުރުން ސައޫދީ އަރަބިޔާއަށް ބޭނުންވާ ހަތިޔާރު އެމެރިކާއިން ފޯރުކޮށްދިނުމާބެހޭގޮތުންނާ އަދި ދެގައުމުގެ އިގްތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއް ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މިދިޔަ ހަފްތާގައިވަނީ ސައޫދީ ރަސްގެފާނާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައެވެ. ޓްރަޕްމް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާ އެންމެފުރަތަމަ ފޯނުން ގުޅުއްވައި ވާހަކަ ދެއްކެވި ލީޑަރުންގެ ތެރޭގައި ސައޫދީ ރަސްގެފާނު ހިމެނިވަޑައިގަންނަވައެވެ. އަދި ސައޫދީ އަރަބިޔާ މިހާރު ގެންދަނީ ޓްރަމްޕްގެ ދިފާއީ ވަޒީރު ޖޭމްސް މާޓީސް ސައޫދީ އަށް ކުރައްވަން ގަސްދުކުރައްވާ ދަތުރުފުޅަށް ތައްޔާރުވަމުންނެވެ. އެމެރިކާގެ ބައެއް ނޫސްތައް ބުނާގޮތުން ސައޫދީ އަރަބިޔާއާއި ގަތަރު ގެންދަނީ ޓްރަމްޕް ގެ ސަރުކާރުގެ ތާއީދު ހޯދުމަށްޓަކައި އެމެރިކާގައި އެތަށް ބިލިޔަން ޑޮލަރެއްގެ އިންވެސްޓްމެންޓްތައް ކުރުމަށް ތައްޔާރުވަމުންނެވެ.
ޓްރަމްޕްގެ ދިފާއީ ވަޒީރު ވަނީ ބޭރުގައުމަކަށް އޭނާ ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅު ކުރައްވާނީ ސައޫދީ އަރަބިޔާއަށްކަން މިދިޔަ ހަފްތާގައި އިޢްލާން ކުރައްވާފައެވެ. އެމެރިކާގެ ދިފާއީ ވަޒީރުގެ މިދަތުރުފުޅަކީ ސައޫދީ އަރަބިޔާއަށް އެތަށް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ވިއްކާނެ ގޮތަކާބެހޭގޮތުން ސައޫދީ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް އެމެރިކާގެ ބައެއް ނޫސްތަކުން ހާމަކޮށްފައިވެއެވެ.
ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށްފަހު އޭނާ ގެންގުޅުއްވަން ފައްޓަވާފައިވާ ހަރުކަށި އަދި ނަސްލީ އިމްތިޔާޒުގެ ސިޔާސަތުތަކާމެދު ހިތްހަމަ ނުޖެހޭކަން އެމެރިކާގެ ބައިވެރިން ކަމަށްވާ ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުން ފާޅުކުރައްވަމުން ގެންދަވާއިރު ގަލްފުގެ ލީޑަރުން ގެންދަވަނީ ޓްރަމްޕްގެ ސިޔާސަތުތައް ވިސްނިވަޑައިގަންނަވާކަމަށް ވިދާޅުވެ ޓްރަމްޕަށް މަރްޙަބާ ވިދާޅުވެ އޭނާއަށް ތާއީދު ކުރައްވައި އޭނާގެ ސަރުކާރާ ގާތްގުޅުންތަކެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
މުސްލިމް 7 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމަށް ޓްރަމްޕް ނެރުއްވި އަމުރު އެމެރިކާގެ ކޯޓުން ބާތިލްކޮށްފައިވާއިރު ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު އާއި ގަތަރުގެ ޚާރިޖީ ވަޒީރުވަނީ ޓްރަމްޕް މުސްލިމުންނާ ދެކޮޅަށް ނެރުއްވި އަމަރު ވިސްނިވަޑައިގަންނަވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ޓްރަމްޕް ގަލްފުގެ ގައުމުތަކާ ގުޅާލައްވައިގެން އުޅުއްވަނީ އެގައުމުތަކަށް ހެޔޮ އެދުމަށްވުރެ އެގައުމުތަކަށް އެމެރިކާގެ ހަތިޔާރު ވިއްކައިގެން އެތަށް ބިލިޔަން ޑޮލަރެއްގެ ފައިދާ ހޯދުމަށްކަމަށް އެމެރިކާގައި ޝާއިޢުކުރެވޭ މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި އީރާނާ ދެކޮޅަށް ޓްރަމްޕް ހަރުކަށި ބަޔާންތައް ދެއްވައި އީރާނަކީ ގަލްފަށް ބިރުވެރި ގައުމެއްގެ ގޮތުގައި ދެއްކުމަށް ޓްރަމްޕް މަސައްކަތް ކުރައްވަނީވެސް މިފަދަ ސިޔާސަތެއް ގެންގުޅުމުން ސައޫދީ އަރަބިޔާއާއި ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކަށް ހަތިޔާރު ވިއްކައިގެން ފައިސާ ހޯދަން ފަސޭހަވާނެތީކަމަށް އެރިޕޯޓްތައް ބުނެއެވެ. އީރާނަކީ ބިރެއްގެގޮތުގައި ދައްކައިގެން ގަލްފުގެ ގައުމުތަކަށް ހަތިޔާރު ވިއްކުމުގެ ސިޔާސަތުތަކަކީ އެމެރިކާގެ ހުރިހާ ރައީސުންވެސް ގެންގުޅުއްވާ ވަރަށް ޒަމާންވީ "މަކަރުވެރި" ސިޔާސަތެކެވެ.
ތެލުގެ އަގު ހެޔޮވުމުގެ ސަބަބުން ގަލްފުގެ ގައުމުތަކުގެ ބަޖެޓަށް ބާރުބޮޑުވެފައި ވީނަމަވެސް މިދިޔަ އަހަރު އޮބާމާގެ ސަރުކާރުންވެސް ގަލްފުގެ ތިން ގައުމެއް ކަމަށްވާ ސައޫދީ އަރަބިޔާއާއި ގަތަރާއި ޔޫއޭއީ އަށް 40 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކާފައިވެއެވެ. މީގެތެރެއިން އެންމެ ގިނަ ހަތިޔާރު ވިއްކާފައިވަނީ ގަތަރަށެވެ. މިހަތިޔާރު އިސްރާއީލާ ދެކޮޅަށް ބޭނުން ކުރުމުގެ ފުރްސަތު ނޯންނައިރު މިހަތިޔާރުތައް ބޭނުންކުރާނީ ޔަމަނާއި ސޫރިޔާގައި ހިނގަމުންދާ ހަނގުރާމަތަކުގައި ކަމަށްވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)