11 Feb 2017, 10:00
ވޮޝިންޓަން(ފެބްރުއަރީ 11): އެމެރިކާގެ ރައީސާއި، ރައީސްގެ ގާތް މުވައްޒަފުން ސައިބާ އެޓޭކްތަކުން ރައްކާތެރިކޮށްދޭ ވައިޓްހައުސްގެ ޗީފް އިންފޮމޭޝަން ސެކިއުރިޓީ އޮފިސަރު މަގާމުން ވަކިކޮށްފި އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ، ރައީސް ބަރަކް އޮބާމާގެ ދައުރުގައި އެމަގާމަށް އައްޔަން ކުރި ކޯރީ ލުއީ މަގާމުން އިސްތިއުފާ ދިނުމަށް މަޖުބޫރުކޮށް ވައިޓްހައުސްއިން އޭނާ ބޭރުކޮށްލައިފައެވެ.
ނަމަވެސް ލުއީ މަގާމުން ވަކިކުރިކަން ވައިޓް ހައުސް އިން އަދި ޔަގީންކޮށްދީފައެއް ނުވެއެވެ.
ލުއީ މަގާމުން ވަކިކޮށްފައި ވަނީ، ރައީސް ޓްރަމްޕް ޓުވީޓުކުރަން އަދިވެސް ބޭނުން ކުރައްވަނީ ދުވަސްވެފައިވާ އަދި ސަލާމަތީ ކަންތައްތައް ފުރިހަމަ ނޫން ސެމްސަންގް ގެލެކްސީ ފޯނެއް ކަމަށް ހަބަރު ފެތުރިފައި ވަނިކޮށެވެ. އޭގެ ސަބަބުން ރައީސް ޓްރަމްޕްގެ ފޯނަށް ސައިބާ ހަމަލާ ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (އިންޑިޕެންޑެންޓް)