މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް އަލްއުސްތާޒް ހަސަން ލަތީފް ބެހެއްޓުމަށް ރުހުންދީފި އެވެ.

އަލީ ވަހީދު އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި ޗެއާޕާސަންގެ މަގާމަށް ކުރިމަތިލީ ހަސަން ލަތީފް އެކަންޏެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން ފެންނަ ނުފެންނަ ވޯޓުގައި އޭނާއަށް 5000 މީހުން އާއެކޭ ބުނެފި ނަމަ މަގާމް ލިބޭނެ އެވެ.

މުޅި ރާއްޖެއާއި ލަންކާ ހިމެނޭގޮތަށް އިއްޔެ 202 ވޯޓް ފޮށި ބެލެއްޓި އެއިންތިހާބުގެ މިހާތަނަށް އިއުލާންކުރި 150 ވޯޓް ފޮށީގެ ނަތީޖާއަށް ބަލާއިރު ހަސަން ލަތީފަށް އާއެކޭ ބުނެފައި ވަނީ 23188 މީހުންނެވެ. ނޫނެކޭ ބުނެފައި ވަނީ 160 މީހުންނެވެ.

މަގާމަށް އިންތިހާބުވުމާ ގުޅިގެން ހަސަން ލަތީފް ވިދާޅުވެފައި ވަނީ އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް ރައީސް މުހައްމަދު ނަޝީދަށް 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ މަގު ތަނަވަސް ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފަ އެވެ. އެމަނިކުފާނަށް ވާދަނުކުރެވޭ ނަމަ އެމްޑީޕީ އިން އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ޗެއާޕާސަން ކަމަށް އަލަށް ހަމަޖެއްސި ހަސަން ލަތީފަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ޔޫތު މިނިސްޓަރެވެ. އަދި އޭނާ ވަނީ ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ.