27 Jun 2011, 14:02
ޤާހިރާ: މިސްރުގައި ދާދިފަހުން ހިނގި ދީނީ ހަމަނުޖެހުންތަކާއި ފިތްނަ ތަކުގެ ފަހަތުގައިވަނީ އެމެރިކާއާއި އިސްރާއީލު ކަމަށް، ފާޅުކަން ބޮޑު ގޮތެއްގައި ފުރަތަމަ ފަހަރަށް މިސްރުން ބުނެފި އެވެ.
މިސްރުގެ ބޮޑުވަޒީރުގެ ނައިބު ޔަޙްޔާއަލްޖަމަލް ވިދާޅުވި ގޮތުގައި މިސްރުގެ މުސްލިމުންނާއި ބައިމަދު ނަސާރާ ޤިބްތީންނާއި ދެމެދު ދާދިފަހުން ހިނގި ހަމަނުޖެހުންތަކާއި ފިތްނައިގެ ފަހަތުގައި އެމެރިކާ އާއި އިސްރާއީލު ވާކަން ކަމާބެހޭ ތަޙްޤީޤްތަކުން ހާމަވާކަމުގަ އެވެ.
މިއީ ވަރަށް ކުރިންވެސް މިސްރަށް ޝައްކުކުރެވޭ ކަމެއް ކަމަށާ ނަމަވެސް މިހާރު މިކަން ހާމަކޮށް އެމެރިކާއާއި ިއސްރާއީލަށް ތުހުމަތުގެ އިނގިލި ދިންކުރަން މިސްރު ޖެހިލުންނުވާ ކަމަށް އަލްޖަމަލު ވިދާޅުވި އެވެ.
މިސްރުގެ އައްޝަރްޤުލްއަވްސަތު ނޫސްއެޖެންސީއަށް ދެއްވި ބަސްދީ ގަތުމެއްގައި އޭނާ ވިދާޅުވީ މިސްރަށް ދާދިފަހުން އައި ރައްޔިތުންގެ އިންޤިލާބާމެދު އެމެރިކާއާއި އިސްރާއީލުން ޝައްކުގެ ނަޒަރަކުން ބަލާ ކަމުގަ އެވެ. އަދި މިސްރުގެ އެކި ދީންތަކަށް ނިސްބަތްވާ މީހުންގެ މެދުގައި ނުރުހުމާއި ނަފްރަތުގެ ހުޅުގަނޑު ރޯކޮށް، ދީނީ އަދި މަޒްހަބީ ފިތުނައެއް އުފެއްދުމަށް އެދެޤައުމުން މަސައްކަތް ކުރަނީ މިސްރު ނިކަމެތި ކޮށްލުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ގޮނޑިކޮށްކޮއެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރާ މިސްރުގެ ކުރީގެ ރައީސް މުބާރަކް ވެރިކަމާ ދެކޮޅަށް ރައްޔިތުންގެ އިންޤިލާބަށްފަހު މެދުއިރުމަތީގައި މިސްރު ބާރާއި ނުފޫޒު ގަދަވަމުން ދިޔުމާއި، އެމެރިކާގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުސްތަޤިއްލު ޚާރިޖީ ސިޔާސަތެއް މިސްރު ގެންގުޅެން ފެށުމަކީ އެމެރިކާއާއި އިސްރާއީލު ކަންބޮޑުވާނެ ކަމެއް ކަމަށް މުޙައްލިލުން ވިދާޅުވެ އެވެ.
މިއީ ރައްޔިތުންގެ އިންޤިލާބާ އެކު މުބާރަކްގެ ސަރުކާރު ވެއްޓި އެމެރިކާގެ ނުފޫޒުން މިނިވަންވެފައިވާ ސަރުކާރެއް މިސްރުގައި އުފެދުނު ފަހުން މިސްރުގެ އިސް މަސްއޫލުވެރިއަކު މިހާ ފާޅުކަން ބޮޑު ގޮތެއްގައި އެމެރިކާއަށާއި އެމެރިކާ ވާގިވެރިވާ އިސްރާއީލަށް ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.
މުބާރަކް ވެއްޓުނު ފަހުން މިސްރުގެ ބައެއް އިސް މަސްއޫލުވެރިން ނޫސީދާ ގޮތެއްގައި އެމެރިކާއާއި އިސްރާއީލުގެ ހަރުކަށި ސިޔާސަތު ތަކަށް ފާޑު ވިދާޅުވަމުން ގެންދަވައެވެ.
މިދިޔަ މޭމަހު މިސްރުގެ މުސްލިމުންނާއި ނަސާރާއިންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި 12 މީހަކު މަރުވެ ނަސާރާ ޤިބްތީންގެ ފައްޅިއެއް އަންދާލާފައިވެއެވެ. މިސްރުގެ އާބާދީގެ 80 އިންސައްތައަކީ މުސްލިމުންނެވެ. ބާކީ 20 އިންސައްތައިގެ ތެރެއިން 10 އިންސައްތައަކީ ނަސާރާ ޤިބްތީންނެވެ. އަނެއް 10 އިން ސައްތައަކީ އެހެންދީންތަކުގެ މީހުންނެވެ. (ނޫސްއެޖެންސީތައް)