10 Feb 2017, 22:44
މިރޭ ހަނދުކޭތަ ހިފާނެ ކަމަށާއި ކޭތައާ ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭތަނަމާދު ކުރުން އޮންނާނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ހޮނިހިރު ވިލޭރޭ މެންދަމު 3:35 އާއި 7:53އާ ދެމެދު ހަނދުކޭތައެއް ހިފާނެ ކަމަށާއި އެ ހަނދުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ކަމަށެވެ.
އެހެންކަމުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭތަނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ކޭތަ ނަމާދު ކުރުން އޮންނާނީ ފަތިސްނަމާދަށްފަހު ފަސް މިނެޓުގެ ވަގުތުކޮޅަކަށްފަހު އެވެ. ކޭތަ ނަމާދުގެ ހުތުބާ އިސްލާމިކް މިނިސްޓްރީގެ ވެބްސަައިޓުން ލިބެން ހުންނާނެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ކޭތަ ހިފުމާއެކު ރާއްޖޭގައި ވަނީ ކޭތަ ނަމާދު ކޮށްފައެވެ. މިދިޔަ އަހަރު ހިފި ހަނދުކޭތައާ ގުޅިގެން މާލޭގައި ކޭތަ ނަމާދު ކުރީ ކޭތަ އެންމެ ބޮޑަށް ހިފި ވަގުތު ކަމުގައިވާ 11:54 ހާއިރު އެވެ.