އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނާގައި ނުވަ ޕޮއިންޓެއްގެ ލީޑަކާ އެކު އޮތް ޗެލްސީއަށް އަދިވެސް ލީގު ކަށަވަރު ނުވާ ކަމަށާއި ތާވަލުގެ ކުރީގައި އޮތް ހަ ޓީމަށް ވެސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ލީގުގައި ކޮންމެ ޓީމެއް ވެސް 24 މެޗު ކުޅެފައިވާއިރު ބާކީ 14 މެޗުއެބައޮތެވެ. އެއް ވަނާގައި 59 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު ދެވަނާގައި އޮތް ޓޮޓެންހަމަށް ލިބެނީ 50 ޕޮއިންޓެވެ. ތިން ވަނާގައި 49 ޕޮއިންޓާ އެކު މެންޗަސްޓާ ސިޓީ އޮތްއިރު 47 ޕޮއިންޓާއި އެކު ހަތަރު ވަނާގައި އޮތީ އާސެނަލްއެވެ. ހަ ވަނާގައި އޮތް މެންޗަސްޓާ ޔުނައިޓެޑަށް ވުރެން އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ފަސް ވަނާގައި އޮތީ ލިވަޕޫލެވެ.

"އަހަރެން ގަބޫލް ކުރަނީ ހަ ޓީމް ވެސް ވަރަށް ވަރުގަދަ ކަމަށް. ކޮންމެ ޓީމެއް ވެސް ލީގް ނަގާފާނެ،" ކޮންޓޭ ބުނެޏެވެ.

ކޮންޓޭ ބުނީ ހަ ވަނާގައި އޮތް މެންޗަސްޓާ ޔުނައިޓެޑްގައި ވެސް ވަރުގަދަ ސްކޮޑެއް އެބައޮތް ކަމަށާއި އެޓީމަށް ވެސް ލީގް ހޯދުމުގެ ފުރުސަތު ތަނަވަސް ވެފައިވާ ކަމަށެވެ.

"ލީގުގެ ކުރީ ކޮޅުގައި މިސްޓޭކްތަށް ނުހެދުމުން އަހަރެމްނެ އެއްވަނާގައި މިއޮތީ. އަހަރެމެން ލީގު ކާމިޔާބު ކުރަން ބޭނުންނަމަ ކުރިއަށް ހުރި މެޗުތަކަށް ވެސް ވަރަށް ބޮޑަށް ފޯކަސް ކުރާން ލާޒިމް ވާނެ. ފަހަތުގައި ތިބި ޓީމުތަކަކީ ވެސް ދަށް ޓީމުތަކެއް ނޫން،" ކޮންޓޭ ބުންޏެވެ.

މިފަހަރުގެ ލީގުގައި ޗެލްސީ ބަލިވެފައި ވަނީ ޓޮޓެންހަމް އާއި އާސެނަލް އަދި ލިވަޕޫލް އަތުން އެކަންޏެވެ.