27 Jun 2011, 14:05
ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް އިއްޔެ މެންދުރު ފަހު ޒިޔާރަތް ކުރައްވައި، އެ ޑިޕާޓްމަންޓްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެމަނިކުފާނު އެ ޑިޕާޓްމަންޓަށް ޒިޔާރަތް ކުރެއްވީ، ރާއްޖެއަށް ބިދޭސީން އެތެރެވުމުގައި، ގަވައިދާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމަށްޓަކައި، އެކަމުގެ ތަހުގީގު ފުލުހުން މިހާރު ފަށާފައިވުމާއި އެ ޑިޕާޓްމަންޓްގެ ކައުންޓަރުތަކުން ސިފައިން ހިދުމަތް ދޭން ފަށާފައިވާތީ، އެޑިޕާޓްމަންޓްގެ މަސައްކަތްތައް ބައްލަވާލެއްވުމަށްޓަކައި ކަމަށެވެ.
ރައީސް ނަޝީދު އިމިގްރޭޝަން ޑިޕާޓްމަންޓްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި އިލްޒާމް ނޭޅޭގޮތަށް ތަހުގީގުތައް ހިނގަމުންދާނޭ ކަމަށާއި، އެކަމަށް ދެ ހަފްތާވަރު ހޭދަވާނެ ކަމަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަދި މިހާރު ހިނގަމުންދާ ތަހުގީގަށް ހުރިހާ ބޭފުޅުންވެސް އެއްބާރުލެއްވުން ދެއްވައި، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ. އަދި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި، މުޅިން އާ ނިޒާމަކާއެކު، ހުރިހާ ބޭފުޅުންނަށްވެސް މަސައްކަތަށް ނުކުމެވަޑައިގެންނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.