ފިލިޕީންސްގެ ދެ ވަނަ އަށް އެންމެ ބޮޑު ރަށް ކަމަށްވާ މިންޑަނާއޯ އަށް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން މައުލޫމާތު ދޭގޮތުގައި ފިލިޕީންސްގެ މިންޑަނާއޯއަށް އައިސްފައި ވަނީ 6.7 މެގްނިޓިއުޑްގެ ބިން ހެލުމެކެވެ. ބިމުގެ 10 ކިލޯ މީޓަރު އަޑިން އައި އެ ބިންހެލުމުގެ ސަބަބުން އަދި އެގެއްލުމެއްވެސް މީހަކަށް ނުވަތަ ތަނަކަށް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް ބިން ހެލުމުގެ ސަބަބުން ފިލިޕީންސްގެ ދެވަނަ ސިޓީ ސެބޫއަށާއި އިތުރު ސަރަހައްދުތަކަށް ލޮޅުން އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫއެސް ނޭޝަނަލް އޯޝޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝާންގެ ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުގެ ވެބްސައިޓުގައި ބުނެފައިވަނީ، ބިން ހެލުމުގެ ސަބަބުން ސުނާމީގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.