10 Feb 2017, 19:12
ލ. އަތޮޅު ލިންކު ރޯޑުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
އެކްސިޑެންޓުގައި މަރުވެފައި ވަނީ ލ.ގަން، ރާޒް، މުހައްމަދު ރިފްޝާން، 27، އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފަ އެވެ.
ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު އަބްދުލް ހަންނާން އަބްދުއްރަހީމް "ސަން" މިރޭ ވިދާޅުވީ ރިފްޝާންގެ އެއް ފައި ބިނދިފައިވާއިރު ބޮލަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އޭނާ މަރުވާން ދިމާވީ ބޮލަށް ލިބުނު ޒަހަމްތަކާ ގުޅިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރު 5:45 ހާއިރު މާންދޫ 'ބެންޑު' ކައިރީގައި ދެ ސައިކަލެއް ޖެހިގެން ކަމަށާއި އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހަންނާން ވިދާޅުވީ، އެކްސިޑެންޓުގައި އަނިޔާވި އިތުރު މީހަކު އެ ހޮސްޕިޓަލަށް ގެނެސް އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ކަމަށާއި އޭނާގެ ބޮލަށާއި ފަޔަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.