ބެއިޖިންގް (ފެބްރުއަރީ 10) : ޗައިނާ ސަރުކާރުން ގެންގުޅޭ އެއްޗައިނާގެ ސިޔާސަތަށް ތާއީދު ކުރައްވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވަފިއެވެ.

ޗައިނާގެ ރަސްމީ ޓީވީ ބުނާގޮތުން ޓްރަމްޕް މިކަން ހާމަކުރެއްވީ ޗައިނާގެ ރައީސް ޝީޖިންޕިން އާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ޗައިނާގެ ސީސީޓީވީ ބުނިގޮތުގައި އެއްޗައިނާގެ ސިޔާސަތަކީ ޗައިނާ އާއި އެމެރިކާއާ ދެމެދު ގުޅުންތައް ބިނާވެގެންދާނެ އަސާސް ކަމަށް އިޢްތިރާފްވެ ވަޑައިގަންނަވާކަން ޓްރަމްޕް ވަނީ ޗައިނާގެ ރައީސް އަށް ކަށަވަރުކޮށް ދެއްވާފައެވެ.

ޓްރަމްޕް ޗައިނާގެ ރައީސް ޝީޖިންޕިން އާ ފޯނުން ގުޅުއްވައި ވަރަށްގިނައިރު ވާހަކަ ދެއްކެވި ކަމަށާ ދެބޭފުޅުންގެ ވާހަކަތައް ވަރަށް އީޖާބީ ކަމަށް ވައިޓް ހައުސް އިންވަނީ ސިފަކޮށްފައެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ޓްރަމްޕްގެ މިވާހަކަ ތަކަށް މަރްހަބާ ކިޔާފައެވެ.

ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވުމާއެކު ވަނީ ޓައިވާނުގެ ރައީސާ އާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައެވެ. އެއަށްފަހުވެސް ޓްރަމްޕްވަނީ ޓައިވާނުގެ ރައީސާ އަށް އިތުރުފަހަރަކު ފޯނުންގުޅުއްވައި އެކަމަނާގެ ސިޔަސަތު ތަކަށް ތާރީފު ކުރައްވައި ބަޔާނެއް ދެއްވާފައެވެ. މިއާއެކު، ޗައިނާ ސަރުކާރުން ގެންގުޅޭ އެއްޗައިނާގެ ސިޔާސަތަށް ޓްރަމްޕްގެ ސަރުކާރުން ތާއީދު ނުކޮށްފާނެ ކަމަށް ހީވެގެން ދިޔައެވެ. އަދި ޓްރަމްޕް ވަނީ އެމެރިކާގެ ކުންފުނިތަކުން ޗައިނާގައި އިންވެސްޓް ކުރާމިންވަރުގެ ބޮޑުކަމާމެދުވެސް ކަންބޮޑުވާކަން ހާމަކުރައްވާފައެވެ.

މީގެއިތުރުން ދެކުނު ޗައިނާ ކަނޑުގައިވާ ޖަޒީރާތަކެއްގެ މިލްކުވެރިކަމާމެދު ޗައިނާ ގެންގުޅޭ ސިޔާސަތުތަކަށް ޓްރަމްޕް ގެ ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިންވަނީ ވަރަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެފައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާއާމެދު ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭނީ ކޮންބާވަތެއްގެ ސިޔާސަތެއްތޯ ވަނީ ސުވާލު އުފެދިފައެވެ.

ޗައިނާއަކީ އެމެރިކާއަށްވުރެވެސް ވަރުގަދަ އިގްތިސާދަކަށް ވުމުގެ އިތުރުން ޗައިނާއަކީ އަސްކަރީގޮތުންނާއި ނުފޫޒުގެ ގޮތުންވެސް އެމެރިކާއަށް ފިއްތުންތައް ކުރިމަތިކުރެވޭ ވަރަށްވުރެ މާބިޔަ އަދި މާ ބާރުގަދަ ގައުމެކެވެ. ޗައިނާއާމެދު އެމެރިކާ މިހާތަނަށް ގެންގުޅެމުން ގެންދާ ސިޔާސަތަށް ބަދަލެއް ގެނައުމަކީ އެކަމުގެ ނޭދެވޭއަސަރު އެމެރިކާގެ އިގްތިސާދަށް އިންތިހާއަށް ކުރާނެކަމެކެވެ.

ޗައިނާގެ ބާޒާރު އެމެރިކާއަށް ހަނިކޮށްލައިފިނަމަ އެމެރިކާގެ އުފެއްދުންތަކުގެ ދެބައިކުޅަ އެއްބައި ތަކެތި ވިއްކާނެ އެހެން ބާޒާރެއް ދުނިޔޭން ނުލިބޭނެކަމާއި މިފަދަ ހާލަތެއްގައި އެމެރިކާ ގެ އިގްތިސާދު އިނދަޖެހޭނެކަން އެމެރިކާއަށް ރަނގަނޅަށް އެނގެއެވެ.

އިސްލާމީ ގައުމުތަކާމެދު ޓްރަމްޕް ގެންގުޅުއްވާފަދަ ހަރުކަށި އަދި ބޮޑާވެގަތުމުގެ ސިޔާސަތެއް ޗައިނާއާ މެދު ގެންގުޅުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްނޫނެވެ. އެހެންކަމުން ޗައިނާއާ ޖެހުމުން ޓްރަމްޕް މައިތިރިވީކަމަށް އޭނާއަށް ފާޑުކިޔާ ފަރާތްތަކުން ގެންދަނީ ސިފަކުރަމުންނެވެ. (ނޫސްއެޖެންސީތައް)