27 Jun 2011, 12:52
ހއ. ފިއްލަދޫ ކައުންސިލާ ގުޅޭ ގޮތުން އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހަންމަދު ވިޖާން ހުށަހަޅުއްވާފައިވާ މައްސަލަތައް ނިމެންދެން ފިއްލަދޫ ކައުންސިލްގެ މަސައްކަތްތައް ހުއްޓާލަ ދިނުމުގެ ވަގުތީ ކޯޓު އަމުރެއް ނެރެދިނުމަށް ވިޖާން ކޯޓުގައި އެދިއްޖެ އެވެ.
ކައުންސިލަށް ހުށަހެޅިފައިވާ މައްސަލައެއްގެ މައުލޫމާތު މީޑިޔާ އަށް ހިއްސާކުރި ކަމަށް ބުނެ ވިޖާންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް މި މަހުގެ 20 ވަނަ ދުވަހު ކައުންސިލުން ނަގައި އޭނާ މަގާމުން ދުރުކުރުމުން ވިޖާން ވަނީ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހަޅުއްވައިފަ އެވެ.
ވިޖާން މިއަދު ވިދާޅުވީ ރައީސް ކަމުން ވަކި ކުރި މައްސަލަ ވަކި ގޮތަކަށް ކޯޓުން ނިންމަންދެން ފިއްލަދޫ ކައުންސިލްގެ މަސައްކަތްތައް ހުއްޓާލާފައި ބޭއްވުމަށް ވަގުތީ އަމުރަކަށް ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގައި މިދިޔަ އަންގާރަ ދުވަހު އެދިފައިވާ ކަމަށެވެ.
"ކައުންސިލްގެ މަސައްކަތް މިހާރު އެކުރިއަށް ގެންދަނީ ގަވާއިދާއި ހިލާފަށް. ގަވާއިދުން ކުރިއަށް ގެންދިޔުމަށް ކޯޓުގައި އޮތް މައްސަލަ ނިންމަން ޖެހޭ. އެގޮތަށް ނިމެންދެން އަޅުގަނޑު ހުށަހަޅާފައިވާނީ ވަގުތީ އަމުރަކަށް، ކައުންސިލުގެ ހަރަކާތްތައް ހުއްޓާލާފައި ބޭއްވުމަށް،" ވިޖާން ވިދާޅުވި އެވެ.
ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގައި ވިޖާންގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު އޮތް އިރު ކައުންސިލުން އިއްޔެ ވަނީ ވިޖާންގެ އަތުން އެ އިދާރާގެ ތަޅުދަނޑި އަތުލުމުގެ ކޯޓު އަމުރަކަށް އެދިފަ އެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް އެ ތަޅުދަނޑި އޮތީ ވިޖާންގެ އަތުގަ އެވެ.
ފިއްލަދޫ ކައުންސިލްގެ އައު ރައީސް އަކަށް އިންތިހާބުކޮށްފައި ވަނީ ކައުންސިލްގެ ނައިބު ރައީސްގެ މަގާމު ފުރުއްވި، ޑީއާރުޕީ އަށް ނިސްބަތްވާ އާދަމް އިނާޒް އެވެ.
ފިއްލަދޫ ކައުންސިލުން އިއްޔެ ބުނީ ކައުންސިލްގެ ރައީސް އާ މެދު ހިޔާލުތަފާތުވުން އުޅޭތީ ކައުންސިލްގެ އިދާރީ މަސައްކަތްތައް ހުއްޓިފައިވާ ކަމަށެވެ.