10 Feb 2017, 14:19
ލީމާ، ޕެރޫ (އޭޕީ) – ޕެރޫގެ ކުރީގެ ރައީސް އަލެހެންދުރޯ ޓޮލެޑޯ ހައްޔަރު ކުރަން އެގައުމުގެ ފަނޑިޔާރަކު އަމުރެއް ނެރެފި އެވެ.
ޕެރޫގައި 2001 އިން 2006 އަކަށް ވެރިކަން ކުރެއްވި ރައީސް ޓޮލެޑޯ ހައްުޔަރުކުރަން އެގައުމުގެ ފަނޑިޔާރަކު އިއްޔެ އަމުރެއް ނެރެފައި ވަނީ އެނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ 20 މިލިއަން ޑޮލަރުގެ ރިޝްވަތެއް ނެގި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
އެ ފައިސާ ނަގާފައިވާ ކަމަށް ތުހުމަތު ކޮށްފައި ވަނީ ބްރެޒިލާއި ޕެރޫގެ އައްސޭރިފަށާ ގުޅާލުމަށް ހައިވޭއެއް އެޅުމަށް ބްރެޒިލްގެ ކުންފުންޏަކަށް ހުއްދަ ދީގެންނެވެ.
ޓޮލެޑޯ ހައްޔަރުކުރެއްވުމަށް އަމުރު ނެރުއްވި ފަނޑިޔާރު ވަނީ އިންޓަނޭޝަނަލް ޕޮލިސް އޭޖެންސީ (އިންޓަޕޯލް) އަށް އޭނާ ހުންނެވި ތަނަކުން ހައްޔަރުކުރެއްވުމަށް އެދި ރެޑް އެލާޓެއް ފޮނުވާފައެވެ. އަދި ޕެރޫގެ ފުލުހުން ވަނީ ޓޮލެޑޯގެ ގެ ބަލައި ފާސްކޮށްފައެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ޕެރިސްގައި އޮތް ބައްދަލުވުމަކަށް ފުރާންސްއަށް ވަޑައިގެން އުޅުއްވާ ޓޮލެޑޯ މިހާރު ދިރިއުޅުއްވަނީ އެމެރިކާގައެވެ. ޓޮލެޑޯ ހައްޔަރުކުރުމަށް ކޯޓުން އަމުރު ނެރެނު ނަމަވެސް އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި ޕެރޫއަށް އެނބުރި ވަޑައިގަންނަވާނީ އިންސާފުވެރި ޝަރީއަތެއް ހިންގާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގަތުމުން ކަމަށް ވިދާޅުވެފައިވެއެވެ.
ޓޮލެޑޯގެ މައްޗަށް ކުރާ ތުހުމަތުތައް ސާބިތުވެ، ޖަލަށް ލައިފިނަމަ އޭނާ ވެގެންދާނީ ޖަލަށްލި ޕެރޫގެ ދެވަނަ ރައީސް އަށެވެ.
ނަމަވެސް ޓޮލެޑޯގެ ގާނޫނީ ވަކީލު ވަނީ އެ މައްސަލަ އިންޓާ -އެމެރިކަން ކޯޓް އޮފް ހިއުމަން ރައިޓްސްގައި އިސްތިއުނާފު ކުރައްވާނޭ ކަމަށް ވިދާޅުވެފައެވެ.
ޕެރޫގެ ކުރީގެ ރައީސް ރިޝްވަތު ނެންގެވި ކަމަށް ބުނާ ބްރެޒިލްގެ ކުންފުނި ވަނީ މަލްޓި-ނޭޝަނަލް ކޮރަޕްޝަނުގެ މައްސަލައެއްގެ ސަމާލު ކަމަށް އައިސްފަ އެވެ. ލެޓިން އެމެރިކާގެ އެކި ގައުމުތަކުގެ ސަރުކާރުތަކަށް ރިޝްވަތުގެ ގޮތުގައި 800 މިލިއަން ޑޮލަރު ދީފައިވާ ކަމަށް އެ ކުންފުނިން ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގައި އެއްބަސްވެފައެވެ.
އަދި 2005 އިން 2014 އާ ދެމެދު ޕެރޫ ސަރުކާރަށް 29 މިލިއަން ޑޮލަރުގެ ދިން ކަމަށްވެސް އެ ކުންފުނިން ވަނީ އެއްބަސްވެފަ އެވެ.