ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ޗެމްޕިިއަން ޓީމަށް ފައިސާ ލިބޭ އުސޫލް ބަދަލުކޮށް ހުރިހާ ފައިސާއެއް ވެސް އެންޖީއޯތަކަށް ދިނުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހު ފަށާ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުރާނީ މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އެފްއޭ ކަޕްގެ ޗެމްޕިއަން ކްލަބް ވެލެންސިއާ އެވެ.

ޗެރިޓީ ޝީލްޑް މެޗަށްފަހު ޗެމްޕިއަންކަން ހޯދާ ޓީމަކަށް ލިބޭ އެއްލައްކަ ރުފިޔާއިން ވަކި ޕަސެންޓެއް ކުރިން ދެނީ އެ ޓީމެއް ކަނޑައަޅާ އެންޖީއޯއަކަށެވެ. ނަމަވެސް މިފަހަރު ޗެމްޕިއަން ޓީމަށް ފައިސާ ނުލިބޭއިރު ފަސް އެންޖީއޯއަކަށް ފައިސާ ދެވޭނެއެވެ. އެއީ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާ ދެ ޓީމު އިހްތިޔާރު ކުރާ ދެ އެންޖީއޯގެ އިތިރުން އެފްއޭއެމް އިން ކަނޑައަޅާ އެންޖޯއޯއަކަށެވެ.

މިދިޔަ ދެ އަހަރު މާޒިޔާއިން ޗެރިޓީ ޝިލްޑް މެޗު ކާމިޔާބްކޮށްފައިވަނީ ނިއު ރޭޑިއަންޓް ބަލިކޮށްފަ --- ސަން ފައިލް ފޮޓޯ: ފާޔާޒު މޫސާ

މާޒިޔާ އިން ހުށަހަޅާފައިވާ ދެ އެންޖީއޯ އަކީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާ އެވެ. ވެލެންސިއާ އިން ހުށަހަޅާފައިވަނީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ. އެފްއޭއެމުން ހުށަހަޅާފައި ވަނީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރްކް) އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސެން ޖަވާޒް (ޖަވާ) 'ސަން'އަށް ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އެންޖީއޯތަށް އިތުރުކޮށް ޓީމްތަކަށް ފައިސާ ދޭ އުސޫލް ބަދަލު ކުރީ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާ ދެ ޓީމާއި މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.

ޖަވާ ވިދާޅުވީ ކޮންމެ އެންޖީއޯއަކަށް ވެސް 20،000 ދިވެހި ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތަށް ނިންމީ ގިނަ އެންޖީއޯތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ޗެރިޓީ ޝީލްޑް މެޗު ކާމިޔާބް ކުރާ ޓީމަށް ފައިސާގެ ނުލިބޭ ގޮތަށް ބަދަލު ކުރި އިރު އެފްއޭއެމްގެ ރައީސް ކަމަށް މިދިހަ އަހަރު ފަހުކޮޅު އިންތިހާބްކުރި ބައްސާމް އަދީލް ޖަލީލް ވަނީ ސަރުކާރު ހިއްސާވާ ކުންފިނުތަކުގެ އެހީގައި އެއްވަން ޑިވިޝަންގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދޭނެ ކަމަށް ބުނެފަ އެވެ.

ވޭތުވެދިޔަ ދެއަހަރު ޗެރިޓީ ޝީލްޑް މެޗު ކާމިޔާބްކޮށްފައިވާ މާޒިޔާއިން ވެލެންސިއާއާ ކުޅޭ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9 ޖަހާއިރު ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.