ބޭންކް އޮފް މޯލްޑިވްސް ]ބީއެމްއެލް[ އިން ނަންގަވާފައިވާ 2.5 މިލިއަން ރުފިޔާގެ ލޯނުގެ މައްސަލައިގައި ހައި ކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފާއި އޭނާގެ ބައްޕަ އަލީ ޝަރީފްގެ މައްޗަށް ބޭންކުން ކުރާ ދައުވާ އަށް ޖަވާބުދާރީވެވަޑައިގަތުމަށް އެ ދެ ބޭފުޅުންނަށް ސިވިލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.

ބީއެމްއެލްގެ ދައުވާ އިއްވުމުން ފަނޑިޔާރު އައްބާސް އާއި އޭނާގެ ބައްޕަގެ ގާނޫނީ ވަކީލު އަރީފް އަހުމަދު ނަސީރު ވިދާޅުވީ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް ފުރުސަތެއް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލަ ބައްލަވާ ފަނޑިޔާރު އަބްދުﷲ އަލީ ވަނީ ވަކީލަށް އެ ފުރުސަތު ދެއްވައިފަ އެވެ.

ބީއެމްއެލްގެ ދައުވާ އިއްވަވަމުން ބޭންކުގެ ގާނޫނީ ވަކީލު އަދި ކުރީގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހުސެއިން ސިރާޖު ވިދާޅުވީ ފަނޑިޔާރު އައްބާސް އާއި އޭނާގެ ބައްޕަގެ އެދިވަޑައިގަތުމުގެ މަތިން އެ ބޭންކުގެ ބާޒާރު ބްރާންޗުން ޖުލައި 14، 2008 ގައި 2.5 މިލިއަން ރުފިޔާގެ ލޯނެއް ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް ޝަރުތުތަކަކާ އެކު ދޫކުރި އެ ޑިމާންޑް ލޯނުގެ އެއްބަސްވެވަޑައިގަންފައިވާ ގޮތަށް ދައްކަވަމުންނުދާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ ބޭންކުން އެ ލޯނު ދޫކޮށްފައި ވަނީ "މަންހާ" ދޯނި ރަހުނު ކޮށްފައި ކަމަށެވެ. އަދި އެ ލޯނުގެ ފައިސާ ނުދެއްކޭ ނަމަ އެ ދޯނި ވިއްކާލުމުގެ ހުއްދަ ބީއެމްއެލްއަށް ދިނުމަށް ވަކީލު އެދިވަޑައިގަތެވެ. މީގެ އިތުރުން ލޯނު ދައްކައި ނިމި އެކައުންޓް ކްލޯސް ކުރުމާ ހަމައަށް ދައްކަން ޖެހޭ ފައިސާ، ޖޫރިމަނާ އާއި އިންޓްރެސްޓާ އެކު ދައްކަން ޖެހޭނެ ކަމަށާއި ލޯނު ހަލާސް ކުރެވެންދެން ގާނޫނީ ވަކީލަށް ހަރަދުވާ ފައިސާ ވެސް ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް ބޭންކުން އެދުނެވެ.

ފަނޑިޔާރު އައްބާސް އާއި އޭނާގެ ބައްޕަ ނަންގަވާފައި ވަނީ 2.5 މިލިއަން ރުފިޔާގެ ލޯނެއް ނަމަވެސް އިންޓްރެސްޓާ އެކު މިހާތަނަށް އެ ލޯނަށް 2.6 މިލިއަން ރުފިޔާ އަރައިފަވެ އެވެ.