09 Feb 2017, 23:24
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ނެތުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކުށެއް ނޫން ކަމަށާއި، އެބޭފުޅާގެ ކުށް އެޔަށްވުރެ މާބޮޑު ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އާ އޮފީސް ހުޅުވުމަށް މިރޭ ހ. ހުރަފައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޑިމޮކްރަސީގެ ޗެމްޕިއަނުން ކަމަށް ބުނެ ވަކާލާތު ކުރަނީ މަގާމަށް އާދެވެންދެން ޑިމޮކްރަސީގެ ވާހަކަ ދައްކާ މީހުން ކަމަށެވެ. މަގާމު ލިބުމުން ޑިމޮކްރަސީ ކަތިލާ މީހުން ކަމަށެވެ.
އަޅުގަނޑާ ސިޔާސީ ގޮތުން ޖަދަލުކުރައްވާ ބޭފުޅުން ފަހަރުގައި ވިދާޅުވެދާނެ ކަންނޭނގެ އެބޭފުޅުންގެ ކުށެއް ނޫނޭ ރައީސް ޔަމީނަށް ތާއީދު ނެތުމަކީ، ތެދުފުޅެއްމެ. އެއީކީ ނޫން އެބޭފުޅާގެ ކުށަކީ. އެބޭފުޅާގެ ކުށް އެޔައްވުރެ މާ ބޮޑު،ރައީސް ޔާމީން
" އަޅުގަނޑާ ސިޔާސީ ގޮތުން ޖަދަލުކުރައްވާ ބޭފުޅުން ފަހަރުގައި ވިދާޅުވެދާނެ ކަންނޭނގެ އެބޭފުޅުންގެ ކުށެއް ނޫނޭ ރައީސް ޔަމީނަށް ތާއީދު ނެތުމަކީ، ތެދުފުޅެއްމެ. އެއީކީ ނޫން އެބޭފުޅާގެ ކުށަކީ. އެބޭފުޅާގެ ކުށް އެޔައްވުރެ މާ ބޮޑު،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، ރައީސް ނަޝީދު މިއަދު ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ނެތުމަކީ އެމަނިކުފާނުގެ ކުށެއް ނޫން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ޑިމޮކްރަސީ ކަމަށް ވިދާޅުވެ "މަގުމަތީގައި މީހުން ނެރެގެން އެކި ކަހަލަ ގުޖަޑު ހިންގުމާއި" އަދުލުއިންސާފު ގާއިމުކުރަން ތިބި ފަނޑިޔާރުން ހައްޔަރު ކުރި ކަމަށެވެ. އެހާ ހިސާބުން ޕީޕީއެމްގެ ފިކުރަށް ކެއްނުވީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމުން ނުކުމެ، ރައީސް ނަޝީދު ވެރިކަމުން ވަކިކުރަން މަސައްކަތް ފެށީ އޭރު ހިންގަމުންދިޔަ ކަންކަމުން "އިނަފް އިޒް އިނަފް" އޭ ހިތަށް އެރުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ 2012 ފެބުރުއަރީގައި ޕީޕީއެމްގެ ފިކުރުގެ މީހުން ނުކުތީ ސިފައިންނާއި ފުލުހުންނާ ދެކޮޅަށް ނޫންކަމަށެވެ.
ރާއްޖެއަކީ ދިވެހިންގެ ތަނެއް ކަމަށާއި އެހެން ބަޔަކު ރާއްޖެއަށް ގޮތް ކިޔައިގެން ހިނގާ ތަނަކަށް ވާން ބޭނުން ނުވާ ކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ.
" މިއީ އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެ، އެހެންވީމަ އަޅުގަނޑުމެންގެ ދިވެހިރާއްޖެ ބާއްވާނީ އަޅުގަނޑުމެންގެ ގިނަބަޔަކު ބޭނުންވާ ގޮތަށް. އަނެއް ދިވެހިރާއްޖެއަށް އެންމެ ބަޔަކު ދާނީ. އެއީ އެހެން ދިވެހިން. އަޅުގަނޑުމެންނަކީ ދިވެހި ދިވެހިން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ނަޝީދު މިއަދު ދެއްކެވި ފާހަކަފުޅަށް ޕީޕީއެމްގެ އެހެން ބައެއް މެމްބަރުންވެސް ވަނީ ފާޑު ވިދާޅުވެ ރައްދު ދެއްވާފައެވެ. ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ " މިއުޅެނީ ތާއީދު ނެތިގެން ނޫން" ކަމަށެވެ.