09 Feb 2017, 19:08
ރާއްޖެއާއި ރާއްޖޭގެ އިގްތިސާދުގެ ތަރައްގީއަށް ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސްރީލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ ތައުރީފު ކުރައްވައިފިއެވެ.
ސްރީލަންކާ އަދި ރާއްޖޭގެ ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި ލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނީ، ރައީސްއާއި ލަންކާގެ ފޮރިން މިނިސްޓަރުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ލަންކާއަކީ ރާއްޖެއިން ވަރަށް ބޮޑު އިސްކަމެއް ދޭ، އަދި ރާއްޖެއާ ވަރަށް ގާތް ގައުމެއް ކަމަށެވެ.

ލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
އެގޮތުން، ދެގައުމުގެ ދެމެދު ސިއްހީ އަދި ތައުލީމީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ލަންކާގެ ފޮރިން މިނިސްޓަރު ވަނީ، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި، ރާއްޖޭގެ ތަރައްގީއަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފު ކުރައްވައިފައެވެ. އަދި ސްރީލަންކާއަށް ރާއްޖެއިން އަބަދުވެސް ދެމުން ގެންދާ އެއްބާރުލުމަށް މިނިސްޓަރު ސަމަރަވީރަ ޝުކުރު އަދާކުރެއްވިއެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހު ލަންކާގެ ފިނޭންސް މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ، ސަރުކާރަށް ތައުރީފުކުރައްވައި ވާހަކަ ދައްކަވައިފައެވެ. އެގޮތުން، ހަލަބޮލިކަމަކަށް ފަހު ސްރީލަންކާގައިވެސް ޑިމޮކްރަސީ ހަރުދަނާވަމުންދާ ފަދައިން، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.