09 Feb 2017, 19:06
ވޮޝިންޓަން(ފެބްރުއަރީ 9): އެމެރިކާގެ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް އެގައުމުގެ ސެނެޓުން މިދިޔަ އަންގާރަ ދުވަހު ރުހުން ދިން ބެޓްސީ ޑިވާސް ވަނީ ސެނެޓުގައި ތިބި ރިޕަބްލިކަން ޕާޓީގެ މެމްބަރުންނަށް 115،000 ޑޮލަރު ޑޮނޭޓު ކުރައްވާފައިކަން ހާމަވެއްޖެ އެވެ.
އެމެރިކާގެ ފެޑެރަލް އިލެކްޝަން ކޮމިޝަނާ ހަވާލާދީ ހަފިންޓަން ޕޯސްޓުގައިވާ ގޮތުން ބިލިއަނަރު ޑިވާސް ވަނީ ސެނެޓުގައި ތިބި ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ސިޔާސީ ހަޔާތް ކުރިއެރުވުމަށްޓަކައި އެކި ފަހަރު މަތިން އެމެމްބަރުންނަށް 115،000 ޑޮލަރު ޑޮނޭޓް ކުރައްވާފައެވެ.
އަދި ޑިވާސްއަށް ރުހުން ދިނުމުގެ ކުރިން ސެނެޓުގައި ބޭއްވި ބަހުސްގައި ޑިވާސް ވަނީ 1980އިން ފެށިގެން އޭނާގެ އާއިލާއިން ރިޕަބްލިކަން ޕާޓީއަށް ދީފައިވާ ޑޮނޭޝަންތަކުގެ އަދަދު 200 މިލިއަނަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ޑިވާސް އަކީ ޕަބްލިކް އެޑިއުކޭޝަންގައި ތަޖުރިބާ މަދު، އަދި އެމެރިކާގެ ތައުލީމީ ދާއިރާއާ ބެހޭ ގާނޫނުތަކާ ރަށްޓެހި ނޫން ފަރާތެއް ކަން ސެނެޓުގެ ސުވާލުތަކަށް އޭނާ ދެއްވި ޖަވާބުތަކުން ވަނީ ހާމަވެފައެވެ. އެހެންކަމުން ވާމަންޓުގެ ސެނެޓަރު އަދި ޑިމޮކްރަޓިކް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވި ބާނީ ސޭންޑާސް ވަނީ ޑިވާސް އާއި އޭނާގެ އާއިލާއަކީ މަލްޓި ބިލިއަނަރުންނަށް ނުވާ ނަމަ އޭނާއަށް އެމަގާމަށް އާދެވޭނެތޯ ސުވާލު އުފައްދަވާފައެވެ.
ޑިވާސްއަށް ރުހުން ދިނުމަށް ސެނެޓުގެ މެމްބަރުން ނެގި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ދެ މެމްބަރަކުވެސް އޭނާއަށް ރުހުން ދޭން ދެކޮޅު ހެދުމުން އެ ވޯޓުވީ އެއްވަރެވެ. އެހެންކަމުން އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ނައިބު ރައީސަށް ޖެހުނީ ވޯޓުގައި ބައިވެރިވެ، ޑިވާސްއަށް ރުހުން ދިނުމަށް ނިންމާށެވެ.
ޑިވާސްއާ ދެކޮޅަށް ވޯޓުދިން ރިޕަބްލިކަން ދެ މެމްބަރުންގެ ތެރެއިން އެއް މެމްބަރަކަށް ޑިވާސް ޑޮނޭޝަންތައް ދެއްވާފައިވާ އިރު އަނެއް މެމްބަރަށް އެއްވެސް ޑޮނޭޝަނެއް ދެއްވާފައި ނުވާ ކަަމަށް ރިޕޯޓުތަކުގައިވެ އެެވެ.