ސްރީލަންކާއާ ރާއްޖެއާ ދެމެދު ގާއިމުކޮށްފައިވާ ޖޮއިންޓް ކޮމިޝަނުގެ، ދެގައުމުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ސްރީލަންކާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އިސްވެރިންގެ ތެރޭގައި ސްރީލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރައާއި، ރާއްޖޭގައި ހުންނަވާ ލަންކާ ސަފީރު މޭޖަރ ޖެނެރަލް (ރޓޑ) އަސޯކާ ތޮރަދޭނިޔާ ހިމެނިވަޑައިގެންނެވިއެވެ.

9 ފެބްރުއަރީ 2017: ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ބައްދަލުވުން: މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ ރާއްޖެ ވަޑައިގެންނެވި --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއެވެ. މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި، ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއާއި، އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާއި، ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިސާމް އަދި ލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހިޔާ ޒަރީރު، އަދި އެހެނިހެން މިނިސްޓްރީތަކުގެ ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

9 ފެބްރުއަރީ 2017: ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ބައްދަލުވުން: މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ ރާއްޖެ ވަޑައިގެންނެވި --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ޖޮއިިންޓް ކޮމިޝަނުގެ ބައްދަލުވުމުގައި ވަނީ ދެގައުމުގެ ތަރައްގީއާ ގުޅޭ މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާތަކެއް ކޮށްފައެވެ. އެގޮތުން ދެގައުމުގެ ދެމެދުގައި އިގްތިސާދީ ގޮތުން އެއްބާރުލުންދީ، ފަތުރުވެރިކަމާއި މަސްވެރިކަމާއި ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުން ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމާއި ވަޒީފާގެ ފުރުސަތުތަކާއި ސަގާފީ ގޮތުން އެއްބާރުލުން ދިނުމާ މެދު މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން ދެގައުމުގެ ޚާރިޖިއްޔާގެ ދެމެދުގައި ކޮންސިއުލާ ގޮތުންނާއި އެހެނިހެން ގޮތުން ގުޅުން ބަދަހިކޮށް، ވަސީލަތްތައް ތަރައްގީކޮށް ހަރުދަނާ ކުރުމުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރެވިގެން ދިޔައެވެ.

9 ފެބްރުއަރީ 2017: ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ބައްދަލުވުން: މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ ރާއްޖެ ވަޑައިގެންނެވި --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ބައްދަލުވުމުގައި ނިންމީ، ލަންކާ ރާއްޖެ ހިމެނޭ ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުމެއް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށެވެ. އަދި ދެން އޮންނަ ބައްދަލުވުން 2019 ވަނަ އަހަރު ކޮލޮމްބޯގައި ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

ނަވާރަސަތޭކަ އަށްޑިހަ ހަތަރެއްގައި އުފެއްދި ޖޮއިންޓް ކޮމިޝަނުގެ ފުރަތަމަ ބައްދަލުވުން 2006 ވަނަ އަހަރު ބޭއްވި އިރު، ދެވަނަ ބައްދަލުވުން އޮތީ 2014 ވަނަ އަހަރު ސްރީލަންކާގައެވެ.