ބާރަ ވަނަ ވަނަ އިންޓާ ރިސޯޓް ވޮލީ މުބާރާތުގެ އެއްކޮޅުން ފައިނަލަށް ތާޖް އެގްޒޯޓިކާ އެން ސްޕާ ދަތުރުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ މެޗް ކާމިޔާބުކޮށް ތާޖް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ރީތިރަށް ރިސޯޓާ ބައްދަލުކޮށް ތިން ސެޓް ދެ ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މި މެޗްގެ ސެޓްތައް ދެ ޓީމުން ކާމިޔާބު ކޮށްފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ސެޓް 25-22 އިން ކާމިޔާބު ކުރީ ރީތި ރަށް ރިސޯޓުން ނެވެ. ދެ ވަނަ ސެޓް 25-22 އިން ތާޖް ކާމިޔާބު ކުރި އިރު، ތިން ވަނަ ސެޓް 25-17 އިން ކާމިޔާބު ކުރީ ރީތިރަށް ރިސޯޓުން ނެވެ. އަދި މި މެޗްގެ ފަހު ދެސެޓް ތާޖް ކާމިޔާބު ކުރި އިރު، ހަތަރު ވަނަ ސެޓް ކާމިޔާބު ކުރީ 25-19 އިންނެވެ. ފަހު ސެޓް ތާޖް ކާމިޔާބު ކުރީ 15-6 އިންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މެޗް ކާމިޔާބު ކުރި ތާޖް ރިސޯޓްގެ އިސްމާއީލް ސާޖިދެވެ.
މީގެއިތުރުން މިމުބާރާތުގައި އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗް ބަނޑޮސް އައިލެންޑް ކާމިޔާބު ކުރިއިރު، މިމެޗް ބަޑޮސް ކާމިޔާބު ކުރީ ސެރެޓަން މޯލްޑިސް އާއި ބައްދަލުކޮށް ތިން ސެޓް ދެ ސެޓުން ނެވެ. މިމެޗް ބަޑޮސް ކާމިޔާބު ކުރުމުން އެ ޓީމް ވަނީ ސެމީގެ ތިން ވަނަ މެޗަށް ދަތުރު ކޮށްފަ އެވެ.

ސެމީގެ ތިން ވަނަ މެޗްގައި ބަނޑޮސް ވާދަކުރަން ޖެހޭނީ އިއްޔެ ސެމީ ފައިނަލްގެ ދެ ވަނަ މެޗުން ބަލިވި ރީތި ރަށް ރިސޯޓާ އެވެ. މިމެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދަތުރު ކުރާނެ އެވެ.
ބަނޑޮހާއި ރީތި ރަށް ބައްދަލުކުރާ ސެމީ ފައިނަލްގެ ތިން ވަނަ މެޗް މިއަދު ހަވީރު 5:00 ޖަހާއިރު ޒުވާނުންގެ މަރުކަޒުގެ އެތެރޭކޯޓް ގައި ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.