09 Feb 2017, 16:37
ރާއްޖޭގެ ހާލަތާ މެދު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު މަޝްވަރާކުރަމުންދާކަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވި ވާހަކަފުޅު އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ. ނަޝީދު ވިދާޅުވީ، މިހާތަނަށް ވެސް ރައީސް މައުމޫން މިކަން ސީދާ ދޮގު ކުރައްވާފައި ނުވާނެ ކަމަށެވެ.
ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ހެނދުނު ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު އެމަނިކުފާނު މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މީގެ ކުރިންވެސް ނަޝީދު ވަނީ، ރައީސް މައުމޫނާ އެކު މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާ ވާހަކަ ވިދާޅުވެފައެވެ.
ނަޝީދު މިއަދު ވިދާޅުވީ، ރައީސް ނަޝީދާ އެކު މަޝްވަރާ ނުކުރައްވަމެކޭ ރައީސް މައުމޫން ސީދާ ވިދާޅުވެފައި އޮތް ތަނެއް އެމަނިކުފާނަށް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން އަދިވެސް ރައީސް މައުމޫން އަބްދުލްގައްޔޫމާ މަޝްވަރާތައް ކުރަމުން މި ދަނީ. ރައީސް މައުމޫން ސީދާކޮށް ވިދާޅުވެފައެއް ނުވޭ މަޝްވަރާ ނުކުރައްވާ ކަމެއް، އަދި ކަންކަން އިސްލާހުކުރައްވަން ބޭނުންފުޅު ނުވާ ކަމެއް ވެސް،" އޭނާ ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރާއްޖޭގެ ހާލަތާ މެދު، ކުރީގެ ރައީސަކާއި، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކޮށްދެއްވި، އިހްތިރާމު ލިބިގެންވާ ބޭފުޅެއްގެ ހައިސިއްޔަތުން، ރައީސް މައުމޫނުގެ ވެސް ކަންބޮޑުވުންތަކެއް ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ރައީސް ނަޝީދު މީގެ ކުރިންވެސް މިހެން ވިދާޅުވެފައިވާ އިރު، ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެކަން ދޮގު ކުރައްވާ ފަދަ ގޮތަކަށް، "އެއް ހާސް ފަހަރު ބުންޏަސްދޮގެއްވާނީ ދޮގަކަށް" ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް ރައީސް މައުމޫން ވިދާޅެއް ނުވެއެވެ.
މީގެ އިތުރުން، ރައީސް ނަޝީދާއި އިދިކޮޅު ހަރަކާތަށް އެއްބާރުލުން ދެއްވާނީ 100،000 ޑޮލަރު ދެއްވުމުން ކަމަށް މައުމޫން ވިދާޅުވި ކަމަށާއި، އޭގެ ތެރެއިން 50،000 ޑޮލަރު މައުމޫނަށް ލިބިވަޑައިގެންފައިވާ ކަމަށް، "އިތުބާރުހުރި ފަރާތްތަކާ" ހަވާލާދީ އަލްޖަޒީރާގައި ކުރި ރިޕޯޓެއް، ރައީސް މައުމޫނާއި ރައީސް ނަޝީދުވެސް ވަނީ ދޮގުކުރައްވައިފައެވެ.
އެ ރިޕޯޓާ ގުޅިގެން ޕީޕީއެމްއިން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިދިކޮޅު ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް މައުމޫން ފައިސާ ހޯއްދެވުމަށް ޑިމާންޑުކުރެއްވި ކަމާއި، އޭގެ ތެރެއިން ބައެއް ފައިސާ ލިބުނުކަން ދޮގު ކުރާ ކަމަށެވެ.
އެހެން ނަމަވެސް ރައީސް ނަޝީދާ އެކު ސިޔާސީ މަޝްވަރާތައް ކުރައްވަމުންދާ ކަމާ މެދު އެ ބަޔާނުގައި އެއްޗެއް ބުނެފައެއް ނުވެއެވެ.
"ޕީޕީއެމްގެ ރައީސް އެހެން އެއްވެސް ސިޔާސީ ޕާޓީއަކާ ނުވަތަ ސިޔާސީ ހަރަކާތް ހިންގާ އެހެން ޖަމާއަތަކާ ގުޅިވަޑައިގަތުމަށް ނުވަތަ ތާއީދުކުރެއްވުމަށް ފައިސާއަށް އެދިވަޑައިގެންފައި، އަދި ފައިސާގައި ހިއްޕަވާފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.