09 Feb 2017, 15:16
އެސްޓީއޯ އިން އެތެރެ ކުރާ ތެޔޮ ރައްކާ ކުރާ އިތުރު ސްޓޯރެޖެއް އައްޑޫ ސިޓީގައި ގާއިމްކޮށް މި އަހަރު ތެރޭ ހުޅުވާނެ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.
"ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝަހީރު ވިދާޅުވީ އައްޑޫގައި ތެލުގެ ސްޓޯރެޖެއް ގާއިމް ކުރުމަށް އެ ސިޓީގެ އެއާޕޯޓް ހިންގާ ކުންފުނި ކަމުގައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުންޏާ ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ވަރަށް އަވަހަށް އައްޑޫ ސިޓީ ގަމުން އެކަމަށް ޚާއްސަ ބިމެއް ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވެސް އެކޮޅުގައި ޓޭންކްތަކެއް ބޭނުން ކުރޭ. އައްޑޫ ގަމުގައި އަޅުގަނޑުމެންގެ އިތުރު ސްޓޯރޭޖެއް ހެދުމަށް ޓަކައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުންޏާ ވާހަކަ ދެކެވިގެން މިހާރު އަޅުގަނޑުމެންނަށް އެބަ ހަމަޖެހޭ އެކޮޅުން ޖާގަ. އެކުންފުންޏާ އެކު އަންޑަސްޓޭންޑިންއަކާ ހަމައަށް އާދެވިއްޖެއްޔާ މި އަހަރު ތެރޭގައި އައްޑޫ ސްޓޯރެޖް ވެސް ހުޅުވިގެންދާނެ،" ޝަހީރު ވިދާޅުވި އެވެ.
ޝަހީރު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ގަމުގައި ގާއިމް ކުރުމަށް ހަމަޖައްސާފައި ވަނީ 8000 ޓަނުގެ ތެޔޮ ރައްކާ ކުރެވޭ ސްޓޯރޭޖެކެވެ.
މީގެ އިތުރުން ޝަހީރު ވިދާޅުވީ، އެސްޓީއޯގެ ތެޔޮ ވިޔަފާރިއަށް ޚާއްސަ ކޮށްފައިވާ ފުނަދޫގެ ތެޔޮ ސްޓޯރެޖް ބޮޑު ކުރުމަށް ވެސް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް މި އޮތް ތިން މަސް ދުވަސްތެރޭ މުޅިން ނިންމާލެވޭ ވަރުވާނެ. އޭގެ އިތުރުން އަޅުގަނޑުމެން ތެޔޮ އުފުލާ ބޮޑު ޓޭންކަރެއް ގަތުމުގެ ޓެންޑާ ޕްރޮސެސްގައި މިހާރު ދެން އެދަނީ. ފިއުލް ސްޓޯރޭޖް ނިމުމުގެ ކުރީގައި ޓޭންކަރު ވެސް ޔޫޓިލައިޒް ކުރެވޭ ވަރުވާނެ،" ޝަހީރު ވިދާޅުވި އެވެ.
އައްޑޫ ތެޔޮ ސްޓޯރެޖްއާ ގުޅޭ ގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ޖެނެރަލް މެނޭޖާ، އިބްތިޝާމާ އަހުމަދު ސައީދު ވިދާޅުވީ، ގަމުން އެސްޓީއޯ އަށް ދޭން ހަމަޖައްސާފައި ވަނީ10،000 އަކަފޫޓާއި 50،000 އަކަފޫޓާ ދެމެދުގެ ބިމެއް ކަމަށެވެ. އަދި އެކަންތައް މިހާރު އޮތީ އެސްޓީއޯގެ ބޯޑު ލެވެލްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.