އެނގިހުރެ ސައްޙަ ނޫން ލިޔުމެއް އުފައްދަން އެދުނު ކަމަށް ބުނެ ގާނޫނީ ވަކީލު އަހުމަދު ތާލިބުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ދައުލަތުން ތާލިބުގެ މައްޗަށް އެ ދައުވާ އުފުލީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ވަގުތެއްގައި ދޫނިދޫގައި ހުރި އޭނާގެ މުވައްކިލަށް ސައްޙަ ނޫން މެޑިކަލް ސެޓްފިކެޓެއް ހަދައިދިނުމަށް އެތަނުގެ ޑޮކްޓަރު ގާތު އެދުނު ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ ދައުވާ އަށް ސ. މީދޫ ދޮންދީދީ މަންޒިލް، އަހުމަދު ތާލިބު އިންކާރުކޮށްފައިވާއިރު، ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ދައުވާ ސާބިތުކުރެވޭވަރުގެ ހެއްކެއް ނެޔް ކަމަށެވެ.

ތާލިބު މިއަދު ސަން އަށް ވިދާޅުވީ ޝަރުއީ ކޯޓުތަކުން އިންސާފު ލިބޭނެ ކަމަށް އޭނާ އުންމީދުކުރި ކަމަށާއި މިއަދު އެކަން ޔަގީން ކުރެވިއްޖެ ކަމަށެވެ.

އަދީބުގެ ވަކީލެއްގެ ގޮތުގައި ހުންނަވަނިކޮށް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ ތާލިބު ސަސްޕެންޑުކޮށްފައެވެ. އެއަށްފަހު އޭނާ ވަނީ އަދީބުގެ ގާނޫނީ ވަކީލުކަމުން އިސްތިއުފާދެއްވައިފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ އޭނާގެ ސަސްޕެންޝަން އުވާލައިފައެވެ.