09 Feb 2017, 14:59
އެސްޓީއޯ އިން ވިއްކަމުން އަންނަ ހިޓާޗީ ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓެއްގެ ބްރޭންޑް އެމްބެސެޑަރަކަށް ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފި އެވެ.
އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ދަގަނޑޭ އާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެސްޓީއޯއަކީ ރާއްޖޭގައި ހިޓާޗީ ބްރޭންޑްގެ އޮރިޖިނަލް ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ ކުންފުންޏެކެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެސްޓީއޯގެ ސީނިއާ ބްރޭންޑް މެނޭޖަރު އަބްދުލް މަޖީދު މުހައްމަދު ވިދާޅުވީ ހިޓާޗީ ބްރޭންޑް އިޝްތިހާރުތަކުގައި ބޭނުން ކުރުމަށް އެ ކުންފުނިން އަބަދުވެސް ހޯދަމުން އައީ ރާއްޖެއަށް ރީތިނަމެއް ހޯދައިދީފައިވާ މީހެއް ކަމަށެވެ.
މިއަދު ސޮއިކުރީ ހަ މަސްދުވަހުގެ އެއްބަސްވުމެއްގައި ކަމަށް އަބްދުލް މަޖީދު ވިދާޅުވި އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ގެންދާ ޕްރޮމޯޝަންތަކުގެ ދަށުން ގިނަ ކަންތައްތަކެއް ކުރާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.
އޭނާ ވިދާޅުވީ މުޅި ރާއްޖެއަށް ބަލާއިރު އެސްޓީއޯ އަކީ ރާއްޖޭގައި ހިޓާޗީ ބްރޭންޑުގެ ރެފްރިޖިރޭޓަރާއި އެއާކޯން ވިއްކުމުގައި އެހެން ފަރާތްތަކާ އަޅާ ބަލާއިރު ކުރީގައި އޮތް ކުންފުންޏެއް ކަމަށެވެ. އެގޮތުން ދަގަނޑޭ ފަދަ ކުޅުންތެރިއެއް ބޭނުންކޮށްގެން ޕްރޮޑަކްޓް އިތުރަށް މާކެޓް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޕްރޮމޯޝަންތަކުގެ ސަބަބުން ހިޓާޗީއަށް އިތުރު 'ފާގަތިކަމެއް' ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.