ވ. ރަކީދޫގައި މަންމަގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުން އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވުމުގެ ކުރިން އެ ކުއްޖާ އަށް އަނިޔާ ލިބެންދިޔަކަން އެނގިފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު މުހައްމަދު ޝަކީބުގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.

ދައުލަތުން ޝަކީބުގެ މައްޗަށް އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި އޭނާ ވަކީލު ވިދާޅުވީ 29 ޑިސެމްބަރު 2014 ވަނަ ދުވަހު އިބްތިހާލަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ ފަރާތުން އަނިޔާ ލިބެމުންދާކަން އެނގިހުރެ، ދައުލަތުގެ ޒިންމާދާރު މަގާމެއްގައި ހުރެ އިބްތިހާލަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ޝަކީބު އިހުމާލުވެފައިވާ ކަމަށް ދައުވާގައި ބުނާއިރު، އިބްތިހާލަށް އަނިޔާ ލިބެމުންދިޔަކަން ޝަކީބަށް ކުރިން އެނގިފައިނުވާ ކަމަށެވެ.

ބޮޑެތި ޒަޚަމްތަކަކާ އެކު ވ. ރަކީދޫ މެރިންކޯނާ ގޭގެ ތެރޭގައި އިބްތިހާލް މަރުވެފައި އޮއްވައި ފެނުނީ 2015 ވަނަ އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހުއެވެ. ވަކީލު ވިދާޅުވީ އެ ތާރީޚުގައި އިބްތިހާލް މަރުވުމުގެ ކުރިން އޭނާ އަށް އަނިޔާ ލިބެމުންދިޔަކަން ޝަކީބަށް އެނގިފައިނުވާކަމަށެވެ.

"29 ޑިސެމްބަރު 2014 ވަނަ ދުވަހުގެ ތާރީޚުގައި އިބްތިހާލަށް އަނިޔާ ލިބެމުންދިޔަކަން ޝަކީބަށް އެނގިފައެއް ނެތް. އެ މައުލޫމާތު ޝަކީބަށް ލިބިފައިވާކަން ދައުވާ ލިބޭ މީހެއްގެ ބަހުން ނުވަތަ ހެއްކެއްގެ ބަހުން ބުނެދެވެން ޖެހޭނެ. އެ މައުލޫމާތު ޝަކީބަށް ލިބުނީ ކޮން ޒަރިއްޔާއަކުންކަން ދައުލަތުން ސާފުކޮށްދޭންޖެހޭނެ،" ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ ތަހުގީގަށް ހާޒިރުކުރާ މީހަކަށް އެމީހަކު އެތަނަށް ހާޒިރުކުރަނީ ކުށެއްގެ ތުހުމަތުގައި ތޯ ނުވަތަ ހެކިބަހަކަށްތޯ އަންގަންޖެހޭ ކަމަށާއި ނަމަވެސް ޝަކީބު ހިއުމަންރައިޓްސް ކޮމިޝަނަށް ހާޒިރުކުރީ މައުލޫމާތެއް ސާފުކޮށްލަން ކަމަށް ބުނެ ކަމަށެވެ.

"ހިއުމަންރައިޓްސް ކޮމިޝަނަށް ހާޒިރުކުރި އިރު، އެތަނަށް ހާޒިރުކުރީ އެއްވެސް ކުށެއްގެ ތުހުމަތު ކުރެވިގެންކަމެއް ޝަކީބަށް އެނގިފައެއް ނުވޭ،" ވަކީލު ވިދާޅުވިއެވެ.

ޝަކީބު ވިދާޅުވީ މައުލޫމާތު ސާފުކޮށްލަން ކަމަށް ބުނެ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ހިއުމަން ރައިޓްސް ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނެގުމަށްފަހު، އިބްތިހާލްގެ މަރާ ގުޅިގެން ދައުލަތުގެ އިދާރާއެއްގެ އިހުމާލު އޮތްތޯ ބެލުމަށް ކުރާ ތަހުގީގަށް މާޗް މަހުގެ ތެރޭގައި ހާޒިރުވާން އިތުރު އެންގުމެއް އެ ކޮމިޝަނުން އެންގި ކަމަށެވެ. ނަމަވެސް ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހުމުން އެ ދުވަހު ދެވެން ނެތްކަމަށް ޖެންޑާ މިނިސްޓްރީން އެ ކޮމިޝަނަށް ވަނީ އަންގާފައި ކަމަށާއި އޭގެފަހުން މިއަދާ ހަމައަށް ވެސް ކޮމިޝަނަށް ހާޒިރުކޮށްފައިނުވާ ކަމަށް ޝަކީބު ވިދާޅުވިއެވެ.

ހިއުމަންރައިޓްސް ކޮމިޝަނުން ކުރި ތަހުގީގު ފުރިހަމަނުވާ ކަމަށް ޝަކީބުގެ ގާނޫނީ ވަކީލު ވަނީ މިއަދު ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އިބްތިހާލްގެ މަރުގެ މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލެއް އޮތްތޯ ތަހުގީގެއް ކުރާއިރު، ރަކީދޫ ކައުންސިލް އިދާރާ އާއި އެރަށު ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ ތަހުގީގެއް ހިންގަންޖެހޭ ކަމަށާއި ނަމަވެސް ހަމައެކަނި ތަހުގީގު ކޮށްފައި ވަނީ ހަމައެކަނި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނާއި ފުލުހުންގެ ތަހުގީގު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ އިންޓާނަލް ތަހުގީގެއް ހިންގައި އެކަމުގެ ރިޕޯޓް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށާއި އިބްތިހާލްގެ މަރުގެ މައްސަލާގައި މާލޭގައި މަސައްކަތް ކުރާ ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނެތް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ގާޒީ ޝަކީލް ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި ދައުވާ އަށް ޖަވާބުދާރީވާން ޝަކީބަށް ފުރުސަތު ދިނުމަށްފަހު އެވެ.