09 Feb 2017, 13:53
މޮސްކޯ (ފެބްރުއަރީ 9): ރަޝިއާގެ މައި އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގިކަމުގެ ކުށް ސާބިތުވުމާ ގުޅިގެން އަންނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އޭނާއަށް ގެއްލިއްޖެ އެވެ.
ނަވަލްނީގެ މައްޗަށް ކުށް ސާބިތުވެފައި ކުރިން ވެސް އޭނާގެ މައްޗަށް ޝަރީއަތް ހިންގި މައްސަލައެއްގަ އެވެ. އެންމެ ފުރަތަމަ އޭނާގެ މައްޗަށް ޝަރީއަތް ފެށީ 2013 ވަނަ އަހަރު އެވެ. އެފަހަރު ކުރިއަށް ގެންދިޔަ ޝަރީއަތް ބާތިލު ކުރީ އެއީ އިންސާފުވެރިކޮށް ކުރިއަށް ގެންދިޔަ ޝަރީއަތެއް ނޫން ކަމަށް ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ނިންމުމާ ގުޅިގެންނެވެ.
ނަވަލްނީގެ މައްޗަށް ކޯޓުން ފަސް އަހަރުގެ ސަސްޕެންޑެޑް ހުކުމެއް ކުރި ނަމަވެސް އޭނާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސީރިއަސް ކުށެއް ސާބިތުވެފައިވާ މީހަކު، 10 އަހަރު ވަންދެން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަކީ ރަޝިއާގެ ގާނޫނު އަސާސީން ހުއްދަ ދޭ ކަމަކަށް ނުވުމުން އެ އިންތިހާބުގައި އޭނާއަށް ވާދަ ކުރެވޭނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.
ރަޝިއާގެ ސަރުކާރާ ގާތް އޮފިޝަލުންނަށް އަމާޒުކޮށް އެންޓި ކޮރަޕްޝަން ކެމްޕެއިނެއް ކުރިއަށްގެންދާ ނަވަލްނީ ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ކުރީ ސިޔާސީ ހުކުމެކެވެ. އަދި އެއީ އޭނާއަކީ ކުރިއަށް އޮތް އިންތިހާބުގައި މިހާރުގެ ސަރުކާރަށް އޮތް ނުރައްކަލެއް ކަމަށް ސަރުކާރަށް ބެލެވޭތީ، ސިޔާސީ ދާއިރާއިން އޭނާ ދުރުކުރުމަށް ކުރި ހުކުމެކެވެ.
ނަވަލްނީ ވަނީ އޭނާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ.
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އަދި ވިދާޅުވެފައެއް ނުވެ އެވެ. (ބީބީސީ)