09 Feb 2017, 13:10
މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ގިނަ ބަޔަކު މޭކަރާ ކަމެއް ކަމަށާއި ރާއްޖެފަދަ ވަސީލަތްތައް މަދު ގައުމެއް މުސްލިމް ގައުމެއްގެ ގޮތުގައި އޮންނާތީ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން ގުޅިގެން "އާލަމްތަކަށް ރަހުމަތެއް" ކެމްޕެއިން ލޯންޗުކުރުމަށް މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ މިނިސްޓަރު ވިދާޅުވީ، އިސްލާމީ ހިދާޔަތުގެ މަތީގައި ރާއްޖެ އޮތީތީވެ ހަސަދަވެރިވާ ބަޔަކު އަބަދުވެސް ރާއްޖެ ބައިބައި ކޮށްލަން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
"ރާއްޖޭގައި ޒަމާނުއްސުރެ އޮތް އިސްލާމީ އެއްބައެއްވަންތަކަން ހަޖަމް ނުކުރެވޭ ބަޔަކު އެކިއެކި ނަންނަމުގައި އެކިއެކި ކެމްޕެއިންތަކުގެ ތެރެއިން ލާފައި ރާއްޖޭގައި މި އޮންނަ އޯގާތެރިކަމާއި އަހުވަންތަކަން ނަގާލަން ކުރެވޭ މަސައްކަތަކީ ހޭލާ ތިބެންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ވަސީލަތްތަކުން މުއްސަނދި މުސްލިމު ގައުމުތައް ހަލާކުވެގެން ދަނީ ވަކި ބައެއްގެ ބަހަށް ހެއްލިގެން ދިއުމުގެ ސަބަބުން ކަން ފާހަގަކުރައްވާ އަޒްލީން ވިދާޅުވީ، ޑިމޮކްރަސީގެ ނަމުގައި އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ނުކުރެވޭނެ އެތައް ކަމެއް ރާއްޖޭގައި ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ދީނީ ބައިބައިވުންތައް އުފެއްދުމަށްޓަކާ ފައިސާދީ ހިތްވަރު ދީގެން ފަރަންޖީން ބުނާ ގޮތަށް ކަންތައްކުރަން ހަދައިގެން، މުސްލިމު ބޮޑެތި ގައުމުތައް ހަލާކުވެގެންދިޔަ ގޮތަށް، ރާއްޖެ ވެސް ހަލާކުވެގެން ހިނގައިދާނެ ކަމަށާއި ރާއްޖޭގެ އިހްތިރާމް ލިބިލައްވާފައި ތިއްބެވި ބޭބޭފުޅުން އެފަދަ ގޮތަކަށް ކަންތައް ކުރަމުންދާ ކަމީ ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖޭގައި ރައީސުންނާއި ނައިބު ރައީސް ކަން ކުރައްވާފައި ތިއްބެވި ބޭފުޅުން އަޅުނގަޑުމެންގެ އަސާސްތަކަށް ބެލުމެއް ނެތި މުސްލިމުންގެ މައްޗަށް ކަމެއްގެ ކާމިޔާބު ހޯދަން މުޝްރިކުންގެ ކައިރިއަށް ގޮސް އެދިގެން އެދޭ އެދުމަކީ ހިތާމަކުރަންޖެހޭ ކަމެއް،" މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.
ޖާހިލިއްޔަ ޒަމާނުގައި ދިވެހިން ވިސްނި ވިސްނުންތައް ދޫކޮށްލަން ޖެހިއްޖެ ކަމަށާއި އެ ވިސްނުންތައް މިއަދު ވިސްނާނަމަ ތަހުޒީބީ މުޖުތަމައުއެއްގެ ގޮތުގައި ރާއްޖެއަކަށް ނޯވެވޭނެ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ދުވަހަކުވެސް ރާއްޖެއަކަށް ޖާހިލިއްޔަތު ކަމެއް ދެން ނާންނާނެ ކަމަށެވެ.