09 Feb 2017, 13:17
ތިންވަނަ އެމްބީއޭ ކަޕްގެ ފުރަތަމަ ޑިވިޝަންގައި ދަ ބައުސްގެ މައްޗަށް ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ކުރި ހޯދައި، ފެށުން ރަނގަޅުކޮށްފިއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު އެ މެޗުގައި ދަ ބައުސް އަތުން ޓީރެކްސް މޮޅުވީ 80-63 ޕޮއިންޓުންނެވެ.
އެ މެޗުގައި ޓީރެކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނު އަހްމަދު ޒަބީރެވެ. އޭނާ ވަނީ އެޓީމަށް 22 ޕޮއިންޓް ހޯދައިދީފައެވެ. އެ މެޗުގައި ދަ ބައުސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެޓީމަށް 19 ޕޮއިންޓް ހޯދައިދިން ނަސީމް އިބްރާހީމެވެ.
އެ މުބާރާތުގައި ކުރިއަށްދާނީ ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަނެވެ. އެ މުބާރާތުގެ ދެވަނަ ޑިވިޝަންގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ އެލްޓީއާއި ޔޫއެން ފްރެންޑްސް އަދި އެލްކިޔުއެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ސްޓިންގާސްއާއި ރެޑް ވިންގްސް އަދި ރައިވެރިޔާއެވެ.
އެ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ޓީރެކްސްއާއި، ދަ ބައުސްއާއި، ކިންގްސް ބީސީ އަދި ކުޑަހެންވޭރެވެ. އަންހެން ޑިވިޝަންގައި ވާދަކުރަނީ ރެޑްވިންގްސްއާއި ޒިގްޒެގް އަދި ސައިކްލޯންއެވެ.
މުބާރާތުގެ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމު ދަތުރުކުރާނެއެވެ. ލީގު އުސޫލުން ކުޅުމަށްފަހު ފުރަތަމަ ޑިވިޝަންގެ ސެމީ ފައިނަލު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ލީގު އެއްވަނަ އާއި ހަތަރުވަނަ ޓީމު ބައްދަލުކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ލީގުގެ ދެ ވަނަ އާއި ތިންވަނަ ޓީމެވެ. އަންހެން ޑިވިޝަންގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައެއް ނުވެއެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، ފައިނަލަށް ދަތުރުކުރާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ.
މިއަހަރުގެ ބާސްކެޓްގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ މެޗުތައް ހަވީރު 16:30 އަދި ރޭގަނޑު 20:30ގައި ކުރިއަށްދާނެ އެވެ.