09 Feb 2017, 12:19
ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ކޮންމެ އަހަރަކު ބާއްވަމުންދާ ކޮކާކޯލާ ލޯންގް ރަންގެ މި އަހަރުގެ ދުވުން ބަދަލުތަކަކާ އެކު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
ކޮކާކޯލާ ލޯންގް ރަން 2017 ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު ވަނީ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ކޮކާކޯލާ ލޯންގްރަން ފެށިގެންދިޔަ ގޮތުގެ ތަފްސީލެއް ދީފައިވެ އެވެ. ކޮކާކޯލާ ލޯންގް ރަންއަކީ 2013 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ދުވުމެކެވެ. ފުރަތަމަ އަހަރު 10 ކިލޯ މީޓަރު ދުވުމެއް ކުރިއަށްގެންދިޔަ އިރު، ދެވަނަ އަހަރު ހާފް މެރަތަންގެ ދުވުން ތައާރަފްކޮށްފައިވެ އެވެ. އެއަށް ފަހު މެރަތަން ދުވުން ވެސް ތައާރަފްކޮށްފައިވެ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އެދުވުމުގެ ސްޕޮންސަރުން ވެސް ބައިވެރިވެފައިވެ އެވެ. އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ބާއްވާ ދުވުމުގެ މެއިން ސްޕޮންސަރަކީ ކޮކާކޯލާ އެވެ. އިތުރު ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ އެލައިޑް އިންޝުއަރެންސްއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއި، ސަމާސެޓް ހޮޓެލްސްއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި، ސޮނީ ސްޕޯޓްސްއާއި، މޯލްޑިވްސް ރެޑް ކްރެސެންޓާއި، ކޭއާރް ފޮޓޯގްރަފީ އަދި ޑީޖޭ އުމަރެވެ.
މި އަހަރުގެ ރޭސްތައް ނިންމާ ބައިވެރިންނަށް ވެސް މެޑަލް ދިނުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ކެޓަގަރީއަކުން ދިނުމަށް ހަމަޖެހިފައިވާ މެޑެލް ތަފާތުކަން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ކޮންމެ ކެޓަގަރީއެއްގެ ބިބް ވެސް ތަފާތެވެ. އަދި މެރަތަން ރޭސް ނިންމާ ބައިވެރިން ފެނިގެންދާނީ ތަފާތު ބިބްއެއްގައެވެ.
މި އަހަރުގެ ރޭހުގައި ފަސް ކެޓަގަރީއެއް ހިމެނެ އެވެ. އެއީ މެރަތަން (42 ކިލޯ މީޓަރު) ދުވުމާއި، ހާފް މެރަތަން (21 ކިލޯމީޓަރު) ދުވުމާއި، 10 ކިލޯ މީޓަރު އަދި ފަސް ކިލޯމީޓަރު ދުވުމެވެ. ކޮންމެ ކެޓަގަރީއެއް ވެސް ވަކި ވަގުތެއް ކުރިން ނިންމަންޖެހެ އެވެ. ހަތް ގަޑިއިރުތެރޭ މެރަތަން ދުވުން ފުރިހަމަކުރަން ޖެހޭ އިރު، ހަތަރު ގަޑިއިރުތެރޭ ހާފް މެރަތަން ފުރިހަމަކުރަން ޖެހޭނެ އެވެ. ދިހަ ކިލޯމީޓަރު ދުވުން ތިން ގަޑިއިރުތެރޭ ފުރިހަމަކުރަން ޖެހޭ އިރު، ފަސް ކިލޯ މީޓަރު ދުވުން ފުރިހަމަކުރަން ޖެހޭނީ ދެ ގަޑިއިރުތެރޭގަ އެވެ.
ކޮކާކޯލާ ލޯންގް ރަން 2017ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މިމަހުގެ 14ގެ ކުރިން ރަޖިސްޓަރީކުރާ ފަރާތްތައް ފީއެއްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު ތަފާތެވެ. މެރަތަން ދުވުންތެރިން އަތުން 30 ޑޮލަރު ނަގާއިރު، ހާފް މެރަތަން ދުވުންތެރިން ދައްކަންޖެހޭނީ 25 ޑޮލަރެވެ. ދިހަ ކިލޯ މީޓަރު އަދި ފަސްކިލޯމީޓަރު ދުވުންތެރިން އަތުން ފީއެއްގެ ގޮތުން ނެގުމަށް ހަމަޖެހިފައިވަނީ 20 ޑޮލަރެވެ.
މިމަހުގެ 15 އިން ފެށިގެން 31ގެ ނިޔަލަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް ދައްކަން ޖެހޭ ފީއަށް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. މެރަތަން ދުވުންތެރިން އަތުން 35 ޑޮލަރު ނަގާއިރު، ހާފް މެރަތަން ދުވުންތެރިން ދައްކަންޖެހޭނީ 30 ޑޮލަރެވެ. ދިހަ ކިލޯ މީޓަރު އަދި ފަސްކިލޯމީޓަރު ދުވުންތެރިން އަތުން ފީއެއްގެ ގޮތުގައި 25 ޑޮލަރު ނަގާއިރު، ފަސް ކިލޯމީޓަރު ދުވުމުން ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 20 ޑޮލަރެވެ.
ހުޅުމާލޭގައި ބާއްވާ އެ ރޭހުގައި ދުވުންތެރިން ވާދަކުރާ ކެޓަގަރީތައް ފަށާ ގަޑިތައް ތަފާތެވެ. މެރަތަން ދުވުން އޭޕްރީލް 14 ވަނަ ދުވަހުގެ ދަންވަރު 3:20ގައި ފެށޭއިރު، ހާފް މެރަތަން ފެށޭނީ ފަތިހު 6:20ގައެވެ. ދިހަ ކިލޯ މީޓަރު ދުވުން ހެނދުނު 7:20ގައި ފެށޭ އިރު، ފަސް ކިލޯމީޓަރު ދުވުން ފެށޭނީ ހެނދުނު 8:20ގައެވެ.