ދުނިޔެ ހޫނުވުމުން ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތް ވުމަށް އެކިއެކި ފަރާތްތަކުންދޭ އެހީގެ ބޮޑުބައެއް ކޮރަޕްޝަންގެ ނިސްބަތް މަތީ ގައުމުތަކަށް ލިބޭތީ ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކޮރަޕްޝަން ނައްތާލައި ހެޔޮވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ، ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން އާންމުކުރި ގުލޯބަލް ކޮރަޕްޝަން ރިޕޯޓް ބުނާ ގޮތުން ދުނިޔެ ހޫނުވުމުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރެވޭ ހޭދައިގެ ގޮތުގައި 100 ބިލިއަން ޑޮލަރު ދުނިޔޭގެ ގައުމުތަކަށް ދޭނެ އެވެ. އެ ފައިސާގެ ތެރެއިން ބޮޑުބައެއް ހަރަދުކުރެވެނީ އެވްރެޖްކޮށް ކޮރަޕްޝަން އިންޑެކްސް 3.5 އަށް ވުރެ ދަށުގައިވާ ގައުމުތައް ކަމަށް ވާތީ ޓްރޭންސްޕޭރަންސީން ވަނީ އެ ފައިސާ ހެޔޮ ގޮތުގައި ހޭދަކުރުމަށް ގޮތްތަކެއް ސަރުކާރުތަކަށް ހުށަހަޅައިފަ އެވެ.

"ގިނަ އަދަދެއްގެ ފައިސާތަކެއް އެ ގައުމުތަކަށް ދެވިގެން ދާއިރު އެ ފައިސާ ކޮރަޕްޝަނުން ސަލާމަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް މިވަނީ ވެފަ އެވެ،" ގްލޯބަލް ކޮރަޕްޝަން ރިޕޯޓު ބުނެ އެވެ.

ޓްރާންސްޕޭރަންސީން ސަރުކާރުތަކަށް ހުށަހަޅާފައިވާ ބައެއް ހުށަހެޅުންތަކުގެ ތެރޭގައި ދެ ފުށް ފެންނާނެ ގޮތެއްގެ މަތިން އެ ފައިސާ ހަރަދުކުރުމަށް މިނިވަން ކޮމިޝަންތައް އެކުލަވާލައި ބައިނަލް އަގުވާމީ މިންގަނޑުގެ ތެރެއިން އިވެލުއޭޝަންތައް ހެދުމަށް ގޮވާލާފަ އެވެ.

"އޭގެ ސަބަބުން ވަކި ކުންފުނިތަކަކުން އެ ފައިސާ ކޮންޓްރޯލް ކުރުމަށް އޮތް ދޮރުތައް ބަންދުވެ އެކަމުގެ ފައިދާ ވަކިބަޔަކު ނެގުމުން ދުރުވެވޭނެ އެވެ،" ގްލޯބަލް ކޮރަޕްޝަން ރިޕޯޓުބުނެ އެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތަކުން ގައުމުތަށް ސަލާމަތް ކުރުމަށް ކޮންމެ އަހަރަކު ވެސް ހޭދަކުރާ ފައިސާގެ ބޮޑުބައެއް ދަނީ ބިން ތިރި އަދި ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށެވެ. އެ ފައިސާގެ ބޮޑުބައެއް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކުލައިމެޓް އިންވެސްޓްމަންޓް ފަންޑުން ރާއްޖޭގައި އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގުމަށް 120 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.