އިޓާލިއަން ލީގްގައި މާރިއޯ މަންޒުކިޗް އާއި ގޯންޒާލޯ ހިގުއިން ކާމިޔާބްކޮށްދިން ދެ ގޯލުން 2-0ގެ ނަތީޖާ އަކުން ކްރޮޓޯންގެ މައްޗަށް ކުރި ހޯދައިގެން ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ލީގްގައި ކޮންމެ ޓީމެއް ވެސް 23 މެޗު ކުޅެފައިވާ އިރު އެއްވަނާގައި އޮތް ޔުއެންޓަސް އަށް ލިބެނީ 57 ޕޮއިންޓެވެ. ދެވަނާގައި އޮތް ރޯމާއަށް 50 ޕޮއިންޓް ލިބޭއިރު ތިން ވަނާގައި އޮތް ނަޕޯލީއަށް ލިބެނީ 48 ޕޮއިންޓެވެ. ރޯމާ އަތުން ބަލިވި ކްރޮޓޯން އޮތީ 13 ޕޮއިންޓާ އެކު ތާވަލުގެ ފުލުން ދެވަނާގަ އެވެ.

ކްރޮޓޯންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ވަނީ ޔުއެންޓަސްގެ އެޓޭކިން ގޭމް ހުއްޓުވުމަށް ފަހަތަށްޖެހި ގިނަ މަސަތްކަތްތަކެއް ކޮށްފަ އެވެ. ޔުއެންޓަސްއަށް ގޯލު ހުޅުވާލަ ދިން 60 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަންޒްކިޗު އެވެ. ދެވަނަ ގޯލު 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހިގުއިންނެވެ.

ޔުއެންޓަސްގެ ލީޑް އިތުރަށް ފުޅާ ކުރުމަށް ވެސް އެޓީމަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކުރީގެ ރޯމާ މިޑްފީލްޑަރު މިރަލެމް ޖަނެކް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އީޓާލިއަން ލީގް ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ކާމިޔާބުކުރުމަށް ތައްޔާރުވަމުން އަންނަ ޔުއެންޓަސްއަށް ކުރިއަށް އޮތީ އަންނަ ހުކުރު ދުވަހުގެ ރޭ ތާވަލުގެ 15 ވަނާގައި އޮތް ކަގަލިއަރީއާ ދެކޮޅަށް ކުޅޭ މެޗެވެ.