09 Feb 2017, 11:29
ޖަރުމަނުގެ ވޯލްޑް ކަޕް ތަރި، އަދި ބަޔާން މިޔުނިކްގެ ކެޕްޓަން ފިލިޕް ލާމް، މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމިކަން އިއުލާނުކޮށްފިއެވެ.
އޭނާ ކުޅުން ހުއްޓާލާނޭކަން އިއުލާނުކުރީ، ވުލްވްސް ބާގް އަތުން ބަޔާން މޮޅުވެ، ޖަރުމަނު ކަޕްގެ ގަދަ 16އަށް އެޓީމު ދަތުރުކުރި މެޗަށް ފަހުއެވެ. އެ މެޗަކީ ބަޔާން މިއުނިކަށް ލާމް ކުޅުނު 501 ވަނަ މެޗެވެ.
އުމުރުން 33 އަހަރުގެ ލާމް، ބާޔާން މިއުނިކާ ގުޅުނީ އޭނާގެ އުމުރުން އެންމެ 11 އަހަރުގައެވެ. އަދި އޭނާގެ މުޅި ފުޓްބޯޅަ ކެރިއަރު ހޭދަކޮށްފައި ވަނީ އެ ކްލަބުގައެވެ.

ފިލިޕް ލާމް ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް 113 މެޗު އަދި ބަޔާން މިއުނިކަށް މިހާތަނަށް 501 މެޗު ކުޅެފައި -- ފޮޓޯ: ބީބީސީ
ޖަރުމަނަށް އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިބުކުރި ޓީމުގެ ކެޕްޓަން ލާމް، ބަޔާންއާ އެކު ހަދާފައިވާ އެއްބަސްވުން 2019 ވަނަ އަހަރު ހަމަވާއިރު، އޭނާއަށް އެ ކްލަބުގެ ސްޕޯޓިން ޑައިރެކްޓަރުގެ މަގާމުވެސް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް އޭނާ އަދި އެކަން ގަބޫލެއް ނުކުރެއެވެ.
"އަހަރެންނަށް އަހަރެންގެ ލީޑަރޝިޕް ސްޓައިލްގައި ކޮންމެ ދުވަހަކުވެސް ކުރިއަށް ދެވޭނެ. މި ސީޒަން ނިމެންދެން ކޮންމެ ޓްރައިނިން އެއްގައިވެސް އަހަރެން އެންމެ ފުރިހަމައަށް މަސައްކަތް ކުރާނަން. އެކަމަކު ސީޒަން ނިމުމުން ދެން އިތުރަކަށް ނުހުންނާނަން،" ބަޔާންގެ ކެޕްޓަން އޭނާ ކުޅުން ހުއްޓާލާނޭކަން އިއުލާނުކުރަމުން ބުންޏެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ފަހު، ގައުމީ ޓީމަށް ކުޅުން ހުއްޓާލި ލާމް، މި ސީޒަނަށް ފަހު ކުޅުން ހުއްޓާލާއިރު އޭނާގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެސް ނުވާނެއެވެ.
ބަޔާންގެ ޗީފް އެގްޒެކެޓިވް ކާލް ހެއިންޒް ރުމަނިގް ވިދާޅުވީ، ލާމް އާއި އޭނާގެ އޭޖެންޓްގެ އެ ނިންމުމާ ގުޅިގެން ކްލަބަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައި ވާ ކަމަށާއި، އަދި "ބަޔާންގެ ދޮރު އަބަދުވެސް ލާމްއަށް ހުޅުވިފައި ހުންނާނެ" ކަމަށެވެ.
ޖަރުމަނުގައި އުފެދުނު އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިޔާ، ލާމް ބަޔާނަށް ފުރަތަމަ މެޗެއް ކުޅުނީ 2002 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ކްލަބާއެކު ޖަރުމަނު ލީގު 7 ފަހަރު، ޖަރުމަނު ކަޕް 6 ފަހަރު، އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.