09 Feb 2017, 11:23
ރާއްޖެއިން ބޭރަށް ފުރާ ދިވެހީންނަށް، ޓިކެޓަށް ޑޮލަރު ވިއްކުމަށް ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފުކުރި އާ ނިޒާމު ތައާރަފުކުރިތާ އެއް މަސް ދުވަސް ތެރޭގައި 7،000 އަށް ވުރެ ގިނަ މީހުން 3.4 މިލިޔަން ޑޮލަރު ގަތުމަށް ބުކިންގް ހެދި ކަމަށް އެ ބޭންކުން ބުނެފިއެވެ.
މިދިޔަ އެއް މަސް ދުވަސް ތެރޭގައި، ގާތްގަނޑަކަށް 7،000 ދަތުރުވެރިންނަށް 3.4 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލްއިން ބުނާ އިރު، ވެލާނާ އެއާޕޯޓުގައި ހުންނަ ބީއެމްއެލް ކައުންޓަރުން އެވަރޭޖްކޮށް ދުވާލަކު 200 ކަސްޓަމަރުންނަށް ޑޮލަރު ދޫކުރާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ޑޮލަރު ގަތުމަށް ކިއު ހަދަން ޖެހޭ ޖެހުމަށް ނިމުމެއް ގެނެސް، އެމްއެމްއޭގެ އިރުޝާދަށް ބީއެމްއެލްއިން އެއާޕޯޓުން ޑޮލަރު ވިއްކާ ގޮތަށް ހަމަޖައްސައި، އެ ނިޒާމުގެ ބޭނުން ކުރަން ފެށީ ނިމިދިޔަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހުއެވެ.
ބީއެމްއެލްއިން ވަނީ އާ ނިޒާމުގެ ދަށުން ބީއެމްއެލްގެ ކައުންޓަރުން ޑޮލަރު ހޯދި ފުރަތަމަ 10 ކަސްޓަމަރުންނާއި 1،000 ވަނަ ކަސްޓަމަރަށް 100 ޑޮލަރުގެ ހަދިޔާއެއް ވެސް ދީފައެވެ.
އެ ނިޒާމުގެ ދަށުން ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް ގޮސް ޓިކެޓާ އެކު، ޑޮލަރަށް ވާ ފައިސާ ދައްކައި، ޑޮލަރު ބުކް ކުރެވޭނެއެވެ. ނުވަތަ ބީއެމްއެލްގެ ވެބްސައިޓު ބޭނުންކޮށްގެން އޮންލައިންކޮށް ޑޮލަރަށް ވާ ފައިސާ ދައްކައިގެން، އެވެ.
ފައިސާ ދައްކައި، ޑޮލަރުގެ ބުކިންގް ފުރިހަމަކުރުމަށްފަހު، ފުރާ ދުވަހު ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ގޭޓު 4 ކުރިމަތީގައި ހަދާފައިވާ ބީއެމްއެލްގެ ކައުންޓަރަށް ޕާސްޕޯޓާއި ބޯޑިންގް ޕާސް ދިނުމުން ޑޮލަރު ލިބޭނެއެވެ.
ބީއެމްއެލުން ބުނާ ގޮތުގައި، ޓިކެޓު ބުކް ކުރަން ޖެހޭނީ، ފްލައިޓު ފުރަން ތާވަލުވެފައި އޮތް ވަގުތުގެ ކުރިން، އަށް ގަޑިއިރާއި 120 ގަޑިއިރާއި (ފަސް ދުވަސް) އަށް ގަޑިއިރު ކުރިންނެވެ.
އޮންލައިންކޮށް ބުކިންގް ހަދާ އިރު، ޕޭމެންޓް ހެދޭނީ ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓު ކާޑަކުންނެވެ. އަދި ބުކިންގް ހައްދައި، ކޮންފާމް ވާ ފަހުން އެ ބުކިންގްއަށް ބަދަލެއް ނުގެނެވެނެއެވެ.
ބުކިންގް ހައްދައި، ޑޮލަރު ހޯދުމަށް ފައިސާ ދެއްކުމަށްފަހު، ދަތުރުކުރާ ދުވަހު އެއާޕޯޓުން ޑޮލަރު ކަލެކްޓް ނުކޮށްފި ނަމަ، ފްލައިޓު ފުރާ ވަގުތުގެ 72 ގަޑިއިރު ފަހުން އެ ބުކިންގް ކެންސަލް ކުރެވޭނެއެވެ. އަދި އެ ބުކިންގްއަށް ދެއްކި ފައިސާ، ހަތް ދުވަސް ތެރޭގައި ރީފަންޑް ކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ.