09 Feb 2017, 10:19
އިކޮނޮމިކް މިނިސްޓްރީން ދެމުންދާ ހިދުމަތްތަކަށް އޮންލައިންކޮށް ނަމްބަރު ނެގޭ ގޮތަށް ހަމަޖައްސައިފި އެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް މިއަދު ސަން އަށް ވިދާޅުވީ ފޯން އެޕްލިކޭޝަނެއް ކަމަށްވާ "ކިއުބީ" މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތަކަށް މިހާރު އެދެވޭނެ ކަމަށެވެ.
"މިނިސްޓްރީއަށް ވަޑައިނުގެން ހިދުމަތަށް ނަމްބަރު ނެގޭނެ އުސޫލެއް މިހަމަޖެއްސީ، އަދި ސިސްޓަމް މެދުވެރިކޮށް ބެލޭނެ ވެއިޓިންގައި އިންވަރު،" ވިސާމް ވިދާޅުވި އެވެ.
ކިއުބީ މެދުވެރިކޮށް ނަން ފާސްކުރުމާއި ނަން ރަޖިސްޓްރީ ކުރުމުގެ ހިދުމަތުގެ އިތުރުން ކުންފުނި ރަޖިސްޓްރީ ކުރުމުގެ ހިދުމަތް ވެސް މިހާރު ލިޔެކިޔުންތަކާ އެކު އެދޭތާ 20 މިނެޓް ތެރޭގައި ދެވިގެންދާނެ ކަމަށް ވިސާމް ވިދާޅުވި އެވެ. އެކަމަށް ހާއްސަ ވަކި ކައުންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ.
އޭގެ އިތުރުން އަމިއްލަ ފަރުދުންގެ ވިޔަފާރި އާއި ކުންފުނިތަކުގެ ހިއްސާ ބަދަލުކުރުމާއި އުވާލުމަށް ދެ ކައުންޓަރެއް ގާއިމްކޮށްފައިވާ އިރު ވަކިވަކި އެހެން ހިދުމަތްތަކަށް ވެސް އަވަހަށް ހިދުމަތްތަކެއް ދިނުމަށް ވަކި ހާއްސަ ކައުންޓަރުތަކެއް ދެމުންދާ ކަމަށެވެ.
ކުރިއަށް އޮތް ތިން މަސް ތެރޭގައިި ވިޔަފާރި ނަން ފާސްކުރުމާއި އެނަން ރިޒާވް ކުރުމުގެ ހިދުމަތް އެމިނިސްޓްރީއަށް ގުޅައިގެން ވާނެ ގޮތް ހަމަޖައްސާނެ ކަމަށް ވިސާމް ވިދާޅުވި އެވެ.
ނަން ފާސްކުރުމާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ކުންފުނި ރަޖިސްޓްރީ ކުރަން އެދުމަކީ މިހާރު ވެސް އިކޮނޮމިކް މިނިސްޓްރީގެ ބިޒުނަސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އެދެވޭނެ ހިދުމަތްތަކެވެ.
އިކޮނޮމިކް މިނިސްޓްރީން ކޮންމެ ދުވަހަކު 250 އާއި 300 މީހުންނަށް ހިދުމަތްދެ އެވެ.