މި އަހަރުގެ ޖެނުއަރީ މަހުން ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ޑިޕާޓްމަންޓް އޮފް އިންލެންޑް ރިވެނިއު އޮތޯރިޓީ އަށް 115 މިލިއަން ޑޮލަރު )1773.3 މިލިއަން ރުފިޔާ( ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު، ފިނޭންސް މިނިސްޓާ އިނާޒަށް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މި އަހަރުގެ ވޭތުވެދިޔަ ފަސް މަހުގެ ތެރޭގައި ކޮންމެ މަހަކަށް ޖެހޭ ޑޮލަރުގެ ތަފްސީލް މަޖިލީހަށް ހާމަކޮށްދެއްވި އެވެ. އެ ގޮތުން ދައުލަތުގެ އާމްދަނީގެ ގޮތުގައި ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް މި އަހަރުގެ ޖެނުއަރީ މަހުގައި 16 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި ފެބްރުއަރީ މަހުގެ 19 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އިނާޒު ވިދާޅުވި އެވެ. އަދި މާޗް މަހުގައި 29 މިލިއަން ޑޮލަރު ލިބިފައިވާ އިރު، އެފްރީލް މަހު 15 މިލިއަން ޑޮލަރު ލިބުނު ކަމަށާއި މިދިޔަ މެއި މަހު 23 މިލިއަން ޑޮލަރު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް މިނިސްޓަރު އިނާޒު ވިދާޅުވި އެވެ.

ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ފިނޭސް މިނިސްޓްރީން ކުރަމުންދަނީ ކޮން މަސައްކަތްތަކެއްތޯ ރިޔާޒު ރަޝީދު ސުވާލު ދެއްނެވުމުން އިނާޒު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލު ކުރެވޭނީ ދައުލަތުގެ ހަރަދާއި ސަރުކާރަށް ލިބޭ އާމްދަނީއާ އެއްވަރުކޮށް، ޑެފިޒިޓް ކުޑަކޮށްގެން ކަމަށެވެ. އަދި ހެދިފައި ހުރި ގާނޫނުތަކުގެ ދަށުން ޑޮލަރު ރެގިއުލޭޓް ކުރެވިގެން ދާނެ ގޮތެއް ހެދުމުން ކަމަށާއި ރާއްޖޭގެ ހުރިހާ ސިނާއަތްތަކުގެ ވިޔަފާރީގައި ޑޮލަރުގެ ބަދަލުގައި ރުފިޔާ ބޭނުންކޮށްގެން ނޫނީ ޑޮލަރުގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް އިނާޒު ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ޓަކައި ވޭތުވެދިޔަ އަހަރުތަކުގައި ފައިސާ ޗާޕް ކުރަމުންދާ މައްސަލައަށް އަލިއަޅުއްވާލައްވައި އިނާޒު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ފައިސާ ޗާޕް ކުރުމުގެ ބަދަލުގައި، ސަރުކާރުގެ އާމްދަނީ އިތުރު ކުރުމަށް އިތުރު ގާނޫނުތައް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތުން ޓީޖީއެސްޓީގެ ގާނޫނު ފާސްކުރެވި، އެ ގާނޫނުގެ ދަށުން ސަރުކާރަށް އާމްދަނީ ލިބެމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ވިޔަފާރިއާ ގުޅުން ހުރި ގާނޫނުތައް މަޖިލީހުން ފާސްވެގެންދާއިރު ވިޔަފާރީގައި ރުފިޔާ ބޭނުން ކުރުން އިތުރުކޮށް، ބޭންކުތަކަށް ޑޮލަރު ވަންނާނެ ފަދަ ގޮތަކަށް ގާނޫނުތައް ބައްޓަން ކުރުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ވޭދުވެދިޔަ އަހަރުތަކުގައި ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ޓަކައި ސަރުކާރުން ފައިސާ ޗާޕުކޮށްފައިވާ ގޮތުގެ ތަފްސީލްތަކަށް އަލިއަޅުވާލައްވައި އިނާޒު ވިދާޅުވީ 2005 އަހަރު 627 މިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށާއި އެފައިސާގެ ތެރެއިން 2006 އަހަރު 228 މިލިއަން ރުފިޔާ އިގްތިސާދުގެ ތެރެއިން އޭރުގެ ސަރުކާރުން ނަގާފައިވާ ކަމަށެވެ. ނަމަވެސް 2007 އަހަރު 107 މިލިއަން ރުފިޔާ ޗާޕްކޮށްފައިވާ އިރު، 2008 އަހަރު 1534 މިލިއަން ރުފިޔާ ޗާޕްކޮށް އިގްތިސާދުގެ ތެރެއަށް ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި 2009 އަހަރު 848 މިލިއަން ރުފިޔާ ޗާޕް ކޮށްފައިވާ އިރު، އެއަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ޗާޕް ކުރުން ސަރުކާރުން ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 2010 އަހަރަކީ ފައިސާ ޗާޕް ނުކުރާ އަހަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.