09 Feb 2017, 12:30
ފިހާރަތަކުންނާއި ތަރުކާރީ ވިއްކާތަންތަނުން އަގުހެޔޮކޮށް އާންމުކޮށް ލިބެން ހުންނަ ތަކެތީގެ ތެރޭގައި ސިއްޙަތަށް އެންމެ ފައިދާ ހުރި "ސުޕާ ފުޑް"ގެ ތެރޭގައި ހިމެނޭ ވައްތަރުތައް ހިމެނޭކަން އެމެރިކާގައި ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.
އެމެރިކާގެ އޮހާޔޯ ޔުނިވަސިޓީގެ ރީސާޗަރުންތަކެއް ދާދިފަހުން ކުރި ދިރާސާއަކާ ހަވާލާދީ "ދަ ޓެލެގްރާފް" ސައިޓް ބުނާގޮތުން ފިހާރަތަކާއި ތަރުކާރީ ވިއްކާތަންތަނުގައި އާންމުކޮށް ހުންނަ ތަކެތި ކަމަށްވާ އަލުއި، ސެސަމް ސީޑްސް، ރީނދޫ، ރެޑް ޕެޕަރ، ސްޕިނިޗް، ދޮންކެޔޮ، މަޝްރޫމް، ބެރީސްގެ ވައްތަރުތަކާއި އަދި ސެލެޑަށް އަޅާ މަޔޮނައިޒް ފަދަ ބާވަތްތަކަކީ ސިއްޙަތަށް އެންމެ ފައިދާހުރި "ސުޕާ ފުޑް"ގެ ތެރޭގައި ހިމެނޭ ވައްތަރުތަކެވެ. ތިރީގައި މިވަނީ އޮހާޔޯ ޔުނިވަސިޓީގެ ރީސާޗަރުންގެ ދިރާސާ ރިޕޯޓްގައި މި ބާވަތްތަކުގެ ފައިދާއާބެހޭ ގޮތުން ހާމަކޮށްފައިވާ މައުލޫމާތެވެ.
އަލުއި: އަލުއި ނުވަތަ ޕޮޓޭޓޯ އަކީ ޕޮޓޭޝިޔަމްއާއި ސޯޑިޔަމްއާއި ޑައެޓްރީ ފައިބާ އާއި ވިޓަމިންގެ އެކި ބާވަތްތައް ވަރަށް ގިނައިން އެކުލެވޭ ތަރުކާރީ އެވެ. މީގެ އިތުރުން އަލުވީގައި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްވެސް ހިމެނެ އެވެ. އަލުވިން ލިބޭ ހަކައިން ހަށިގަނޑުގައި ޖަހާ ސަރުބީ ފިލުވާލަން ވަރަށް ފަސޭހަވާނެ ކަމާއި އެއީ ގެއްލުންބޮޑު ސަރުބީއެއްނޫންކަން މިރިޕޯޓްގައި ހާމަކޮށްފައިވެ އެވެ. މީގެ އިތުރުން ވެސް ސިއްހަތަށް ފައިދާހުރި އެތައް މާއްދާއެއް އަލުވީގައި ހިމެނޭކަމަށްވެ އެވެ.
ސެސަމްސީޑްސް: މިއީވެސް އަލުވީގައި ހިމެނޭ ގޮތަށް ގިނަ އަދަދަކަށް ޕޮޓޭޝިޔަމްއާއި ސޯޑިޔަމްއާއި ޑައެޓްރީ ފައިބަރ އާއި ވިޓަމިންގެ އެކި ބާވަތްތައް އެކުލެވޭ ތަރުކާރީއެކެވެ. ޕޮޓޭޝިޔަމްއާއި ސޯޑިޔަމް ގިނައިން ހިމެނޭ ބާވަތްތައް ކެއުމަކީ ސިއްޙަތު ސަލާމަތްކޮށްދިނުމުގެ އިތުރުން މީހާއަށް ތާޒާކަމާއި އުފާވެރިކަން ގެނަސްދޭ ކަމެއްކަމަށް ވެ އެވެ.

ރީނދޫ : ހަވާދުގެ ބާވަތެއް ކަމަށްވާ ރީނދޫއަކީ އާދަޔާ ޚިލާފު ބޮޑެތި ސިއްޙީ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. ރީނދުލުގައި ވިޓަމިން އޭ، ބީ، އީ އަދި ކޭ، ވަރަށް ގިނަ އެވެ. އަދި މެގްނަސިޔަމް، ދަގަނޑު، ކެލްސިޔަމް، އަދި ފައިބަރގެ އިތުރުން އެންޓި އޮކްސިޑެންޓްސްގެ މާއްދާތައް ވެސް ވަރަށް ގިނަ އެވެ. އެންޓި އޮކްސިޑެންޓްސް އަކީ ނުބައި ކޮލެސްޓްރޯލް ދަށްކޮށް ދިނުމުގެ އިތުރުން ހިތާއި ނާރުތަކުގެ ބައްޔާއި ކެންސަރާއި ސްޓްރޯކް ފަދަ ބަލިތަކުން ސަލާމަތްކޮށްދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ މާއްދާތަކެކެވެ.
މީގެ އިތުރުން ރީނދުލަކީ ހަށިގަނޑުގައިވާ ވިހަތައް ބޭރުކޮށްދީ ގޮހޮރާއި ހަޖަމު ކުރުމުގެ ނިޒާމުގައި ހިމެނޭ އެހެން ގުނަވަންތައް ސާފުކޮށްދީ ޑިޓޮކްސް ކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެއް ވެސްމެ އެވެ. ރީނދުލުގެ ފައިދާތަކުގެ ތެރޭގައި، ހަޖަމު ރަނގަނޅުކޮށްދިނުން، ކެންސަރު އުފެދުން ހުއްޓުވުން، ހަކުރުބަލިން ސަލާމަތްކޮށްދިނުން، ފާރުވާތަންތަން އަވަހަށް ފަސޭހަކޮށްދިނުން، ހުޅުތަކުގެ ރިއްސުމަށް ލުއިލިބުން، ފަދަ ސިއްޙީ އެތަށް ފައިދާއެއް ހިމެނެ އެވެ.
އަދި ލޭ ސާފުކޮށްދިނުމާއި ހަށިގަނޑުގައިވާ ފެޓް ވިރުވައިދިނުމާއި ނުބައި ކޮލެސްޓްރޯލް ދަށްކޮށްދިނުން ފަދަ ފައިދާތައް ވެސް ރީނދުލުގައި ހިމެނެ އެވެ. ރީނދޫ ބޭނުން ކުރެވިދާނެ ގޮތްތަކުގެ ތެރޭގައި މުގުރާފައިވާ ރީނދޫ ފެނަށް އަޅައިގެން ބުއިމާއި ކެއުމުގެ ބާވަތްތައް ތައްޔާރުކުރާއިރު ރީނދޫ އެޅުން ހިމެނެ އެވެ.
ރެޑް ޕެޕާ: މިއީ ވިޓަމިން ސީ އާއި ވަރަށް ގިނައިން އެންޓި އޮކްސިޑެންޓްސްއާއި އެންޓި އިންފްލެމޭޓްރީ މާއްދާތައް ހިމެނޭ ތަރުކާރީއެކެވެ. މީގެއިތުރުންވެސް ހިތުގެ ބައްޔާއި ކެންސަރުން ސަލާމަތްކޮށް ދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ އެތައް މާއްދާތަކެއް ރެޑް ޕެޕާގައި ހިމެނެ އެވެ.
ސްޕިނިޗް : ސްޕިނިޗް ފަތަކީ ވިޓަމިން ކޭ ، ވިޓަމިން އޭ، ވިޓަމިން އީ، ވިޓަމިން ބީ 12، އަދި ވިޓަމިން ބީ 6 ގިނަ އަދަދަކަށް ހިމެނޭ ފަތެކެވެ. މިއީ ޑައެޓްރީ ފައިބަރ އާއި ކޮލިން އާއި ޒިންކްއާއި ފޮސްފެރަސް އާއި ކެލްސިޔަމް އާއި ޕޮޓޭޝިޔަމް ވެސް ގިނަ އަދަދަކަށް ހިމެނޭ ފަތެކެވެ. މިމާއްދާތަކަކީ ސިއްޙަތައްް އެންމެ ފައިދާހުރި "ސުޕާ ފުޑް"ގައި ހުންނަ ވިޓަމިންސް އާއި މިނެރަލްސް އެވެ.
ދޮންކެޔޮ : ދޮންކޭލަކީ ގިނަ އަދަދަކަށް ޕޮޓޭޝިޔަމްއާއި މެގްނެސިޔަމްއާއި ވިޓަމިންސް ފަދަ މާއްދާތައް ހިމެނޭ މޭވާއެކެވެ. ދޮންކެޔޮ ކެއުމަކީ ސްޓްރޯކް ޖެހުމާއި ހިތް ހުއްޓުމުގެ ފުރްސަތު ކުޑަކޮށްދީ ހަށިގަނޑަށް އުފާވެރިކަމާއި ތާޒާކަން ގެނަސްދޭ ކަމެކެވެ.
މަޝްރޫމް: މަޝްރޫމަކީ ސިއްހަތަށް ވަރަށް ފައިދާބޮޑު މާއްދާއެއްކަމަށްވާ ސެލެނިޔަމްގެ މައި ސޯސް އެވެ. މީގެއިތުރުން ޕޮޓޭޝިޔަމްއާއި މެގްނެސިޔަމްއާއި ނިޔަސިންއާއި ޕްރޮޓިން އަދި ވިޓަމިން ސީ މީގައި ހިމެނެއެވެ. މަޝްރޫމް ބޭނުންކުރުން ރަނގަނޅީ ކައްކައިގެންނެވެ.
ބެރީސް : ބެރީސްގެ ވައްތަރުތަކަކީ މޭވާގެ ތެރޭގައި ހިމެނޭ އެންމެ ރަނގަނޅު ވައްތަރުތައް ކަމަށް މިރިޕޯޓް ބުނެ އެވެ. ބެރީސްގެ ވައްތަރުތަކުގައި އެލަޖިކް އެސިޑް އާއި އެންތޮސިޔަނިންސް އާއި ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ ކޮންޕައުންޑްތައް ހިމެނެ އެވެ. މީގެއިތުރުން މުސްކުޅި ކަމުގެ އަލާމާތްތައް ކުޑަކޮށްދޭ މާއްދާތައްވެސް ބެރީސްގެ ވައްތަރުތަކުގައި ވަރަށް ގިނަ އެވެ.
މަޔޮނައިޒް: މިއީ ސިނާއީ ގޮތުން ތައްޔާރުކުރާ އެއްޗެކެވެ. މަޔޮނައިޒް އަކީ ސިއްޙީ ގޮތުން ރަނގަނޅު އެއްޗެއް ނޫންކަމަށް ކުރިން ބައެއް ފަރާތްތަކުން ދެކެމުން ދިޔައެވެ. ނަމަވެސް ފަހުގެ ދިރާސާތަކާ އަދި އޮހާޔޯ ޔުނިވަރސިޓީގެ ރީސާޗަރުންގެ ދިރާސާ ރިޕޯޓްގައި "ސުޕާ ފުޑް"ގެ ތެރޭގައި ހިމަނާފައިވެ އެވެ. މަޔޮނައިޒްގައި އޮމެގާ 3 ވަރަށް ގިނައިން ހިމެނޭ ކަމަށްވެ އެވެ. މަޔޮނައިޒް އުފައްދާކަމަށް ވަނީ ބިހާއި ލެމަންއާއި ހަޖަމުކުރާ ނިޒާމަށް ފައިދާހުރި އެތަށް ބާވަތެއްގެ ތެލާއި ގުދްރަތީ ޕްރޮޓީސް ބޭނުންކޮށްގެންނެވެ.
(ދަ ޓެލެގްރާފް)