09 Feb 2017, 09:44
ވޮޝިންޓަން (ފެބްރުއަރީ 9): އެމެރިކާގެ އެޓާނީ ޖެނެރަލް ކަމަށް އަލަބާމާގެ ސެނެޓަރު ޖެެފް ސެޝަންސް އަށް އެގައުމުގެ ސެނެޓުން ރުހުން ދީފި އެވެ.
ްސެޝަންސްއަށް ރުހުން ދިނުމަށް ސެނެޓުގެ 52 މެމްބަރުން ވޯޓު ދިން އިރު އޭގެ ތެރޭގައި ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ ވެސްޓް ވާޖީނިއާގެ ސެނެޓަރު ޖޯ މަންޗިން ވެސް ހިމެނެ އެވެ. ސެޝަންސްއާ ދެކޮޅަށް ސެނެޓުގެ 47 މެމްބަރުން ވޯޓު ދިނެވެ.
ސެނެޓުގައި ސެޝަންސްއަށް ރުހުން އޮތްތޯ ބެލުމަށް ވޯޓު ނެގުމުގެ ކުރިން ޑިމޮކްރެޓިކް ޕާޓީގެ އެލިޒަބެތް ވޮރެން ވަނީ 1986 ވަނަ އަހަރު ސެޝަންސް ފެޑެރަލް ޖަޖަކަށް ނޮމިނޭޓް ކުރުމާ ދެކޮޅަށް މާޓިން ލޫތާ ކިންްގްގެ ހުވަފަތްވެފައިވާ އަނބިކަނބަލުން ކޮރެޓާ ސްކޮޓް ކިންގް ދެއްކެވި ވާހަކަތައް ތަކުރާރު ކުރައްވައިފަ އެވެ. ސެޝަންސް ވަނީ ކަޅު ނަސްލުގެ ވޯޓަރުންނަށް ބިރު ދައްކާފައި ކަމަށް ކިންގް ތުހުމަތު ކުރައްވާފައިވެ އެވެ.
އެކަމަނާ އެފަދައިން ވިދާޅުވުމުގެ ސަބަބުންނާއި ކަޅު ނަސްލުގެ މީހުންނާ ދެކޮޅު ޖަމާއަތެއް ކަމަށްވާ ކޫ ކްލަކްސް ކްލޭން (ކޭކޭކޭ) އަށް ތާއިދު ކުރައްވާ ދެއްކެވި ވާހަކަތަކުގެ ސަބަބުން އޭނާ ފެޑެރަލް ޖަޖަކަށް އައްޔަން ނުކުރަމަށް އެމެރިކާގެ ސެނެޓުން އޭރު ނިންމި އެވެ.
އުމުރުން 70 އަހަރުގެ ސެޝަންސް އަކީ އެންމެ ކުރިން ފައްޓައިގެން ވެސް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަހަތުގައު ހުންނެވި ބޭފުޅެކެވެ. އަދި އޭނާ އެޓާނީ ޖެނެރަލް ކަމަށް ނޮމިނޭޓް ކުރެއްވުމަށް ފަހު އޭނާއަށް ރުހުން ދިނުން ޑިމޮކްރަޓިކް ޕާޓީން މީގެ ކުރިން ލަސްކުރަމުން ދިޔުމުގެ ސަބަބުން ޓްރަމްޕް ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ. (ބީބީސީ)