08 Feb 2017, 23:13
ސޮމާލިއާގެ ރައީސްކަމަށް އެގައުމުގެ ބޮޑުވަޒީރުކަން މީގެ ކުރިން ކުރެއްވި މުހައްމަދު އަބްދުﷲ "ފަރްމާޖޯ" މުހައްމަދު އިންތިޚާބުކޮށްފިއެވެ.
ސޮމާލިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މިއަދު ބާއްވާފައިވާ އިރު، އެގައުމުގެ މިހާރުގެ ރައީސް ހަސަން ޝައިޚް މުހައްމަދުު ބަލިކުރައްވައި، ކުރީގެ ބޮޑުވަޒީރު މުހައްމަދު އަބްދުﷲ މުހައްމަދު ކާމިޔާބުކުރެއްވީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ 184 މެމްބަރުންގެ ވޯޓާ އެކުއެވެ. ނާކާމިޔާބުވި މިހާރުގެ ރައީސަށް ލިބިވަޑައިގަތީ 97 ވޯޓެވެ.
ސޮމާލިއާގައި ރައީސް އިންތިޚާބުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެއް ނޫނެވެ. ރައްޔިތުންގެ ފަރާތުން އިންތިޚާބުގައި ވޯޓު ލަނީ ރައްޔިތުންގެ މަންދޫބުން، ގާނޫނު ހަދާ މަޖިލީހުގެ މަތިގެއާއި ތިރިގޭގެ މެމްބަރުންނެވެ.
ސޮމާލިއާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 21 ފަރާތަކުން ވާދަކުރި އިރު، އިންތިޚާބުގެ ދެވަނަ ބުރަށް ދިޔައީ އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ބޭފުޅުން ކަމުގައިވާ މިހާރުގެ ރައީސް ހަސަން އަދި އިންތިޚާބު ކާމިޔާބުކުރެއްވި މުހައްމަދު އަބްދުﷲ މުހައްމަދެވެ.
ސޮމާލިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން ވޯޓަށް ހުރަސް އަޅައި، ވޯޓުލާ މަރުކަޒަށް ހަމަލާ ދީފާނެ ކަމުގެ ބިރުގައި، އިންތިޚާބު މިއަދު ބާއްވާފައިވަނީ ވެރިރަށް މޮގަދިޝޫގެ އާދަން އަދީ އިންޓަނޭޝަނަލް އެއާޕޯޓުގެ ހެންގަރެއްގެ ތެރޭގައެވެ. އަދި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މޮގަދިޝޫ ސިޓީގައި ޓްރެފިކް މަނާކޮށް، އެ ސިޓީގެ މަތިން މަތިންދާބޯޓު ދުއްވުންވެސް މިއަދަށް މަނާ ކުރިއެވެ.
މި ފިޔަވަޅުތައް އެޅި ނަމަވެސް، އެއާޕޯޓާ ދާދި ގާތުން މޯޓަރު ބަޑީގެ ހަމަލާތަކެއް ދެމުން ދިޔަ އަޑުތައް އިވިފައިވާ ކަމަށް ސޮމާލިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
މުހައްމަދު އަބްދުﷲ މުހައްމަދު އިންތިޚާބު ކާމިޔާބުކުރެއްވި ޚަބަރާ އެކު، ސޮމާލިއާގެ އެތައް ހާސް ރައްޔިތަކު ވަނީ މަގުތަކަށް ނުކުމެ އުފާ ފާޅުކޮށްފައެވެ. އަދި ސޮމާލިއާގެ ސިފައިން އުފާ ފާޅުކުރުމުގެ ގޮތުން ވައިގެ ތެރެއަށް ބަޑި ޖެހި ކަމަށް އޭޕީ ނިއުސް އޭޖެންސީން ރިޕޯޓުކުރެއެވެ.
ސޮމާލިއާގައި ހަނގުރާމަވެރި ޖަމާއަތް އަލް ޝަބާބުގެ ހަރަކާތްތައް ވަރުގަދަވެފައިވާ މި ދަނޑިވަޅުގައި، އެފްރިކަން ޔޫނިއަންގެ 20،000 އަށް ވުރެ ގިނަ ސިފައިން މިވަގުތު ސޮމާލިއާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދެއެވެ.
އިންތިޚާބުން ނާކާމިޔާބުވި ރައީސް ހަސަން ޝައިޚް މުހައްމަދު ވަނީ އިންތިޚާބުގައި ބަލި ގަބޫލުކުރައްވައިފައެވެ. އަދި މިއީ ތާރީޚީ އިންތިޚާބެއް ކަމަށާއި، ސޮމާލިއާ މިހާރު ދަނީ ޑިމޮކްރަސީގެ މަގާ ދިމާލަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސޮމާލިއާގެ އާ ރައީސް މުހައްމަދު އަބްދުﷲ މުހައްމަދަށް ވަނަމެއްގެ ގޮތުގައި އެގައުމުގެ ރައްޔިތުން ކިޔައި އުޅެނީ "ފަރްމާޖޯ"އެވެ. އެ ބަހުގެ މާނައަކީ އިޓަލީ ބަހުން ޗީޒްއެވެ. ސޮމާލިއާއަކީ އިޓަލީގެ އިސްތިއުމާރުގެ ދަށުގައި މީގެ ކުރިން އޮތް ގައުމެކެވެ.
އާ ރައީސް ފަރްމާޖޯއަކީ ސޮމާލިއާގެ ފަރާތުން އެމެރިކާއަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ. އޭނާއަކީ އެމެރިކާގެ ސިޓިޒެންޝިޕް ވެސް އޮތް ބޭފުޅެކެވެ. ފަރްމާޖޯއަކީ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި، އެ އިލްމުގެ ޕްރޮފެސަރެކެވެ. އަދި އޭނާއަކީ އެގައުމުގެ ޓާޔޯ ޕޮލިޓިކަލް ޕާޓީ (ޓީޕީޕީ)ގެ ޗެއާމަން ވެސް މެއެވެ.