27 Jun 2011, 10:48
ދިރާގް ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ރޭ ވިޔެންސާ އާ ބައްދަލުކޮށް 4-0 ލަނޑުން ވިކްޓަރީން މެޗް ކާމިޔާބުކޮށް، ތާވަލްގެ އެއްވަނާގައި އުޅޭ ވީބީ ސްޕޯޓްސް ކުލަބާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަ ކުރި އިރު، ގަދަ ހަ ޔަކުން ވިޔެންސާ ބޭރު ވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު ޖަހައި ވިކްޓަރީއަށް ލީޑް ހޯދައި ދިނީ މެޗްގެ 24 ވަނަ މިނެޓްގައި ހުސެން ސިމާޒް (ކޮކީ) އެވެ.
މިމެޗްގައި ވިކްޓަރިން ޖެހި އެޓީމްގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗްގެ ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި މުހުތާރު ނަސީރު (ޓޫކިލޯ)ގެ ފަރާތުންނެވެ. މިމެޗްގައި މުހުތާރު ނަސީރަށް ވަނީ ގޯލް ޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ލިބި ބޭކާރުވެފަ އެވެ. އެގޮތުން މެޗްގެ 13 ވަނަ މިނެޓްގައި ޓޫކިލޯ އަށް ލަނޑު ޖަހާނެ ރަނުގެ ފުރުޞަތު ބޭކާރުވި އިރު، ޓޫކިލޯ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި މީގެ އިތުރުން މެޗްގެ 71 ވަނަ މިނެޓުގައި ވެސް ޓޫކިލޯއަށް ލަނޑު ޖަހަން ލިބުނު ފުރުސަތު ވަނީ ބޭކާރުވެފަ އެވެ.
ވިކްޓަރީގެ ތިން ވަނަ ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި އެޓީމުން ކާމިޔާބު ކުރިއިރު، އެލަނޑަކީ ވިޔެންސާގެ ގޯލް ކީޕަރު އިސްމާއިލް އިބްރާހިމް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި އެލަނޑު ވިކްޓަރީއަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ދެކުޅުން ތެރިންނަކީ މުހުތާރު ނަސީރާއި ހުނަރުވެރި ފޯވާޑް އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. މިމެޗްގައި އޮއްޕޮއަށް ވެސް ވަނީ ލަނޑުޖަހާނެ ދެ ތިން ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން މެޗްގެ 81 ވަނަ މިނެޓްގައި އޮއްޕޮއަށް ލަނޑުޖަހަން ލިބުނު ރަނުގެ ފުރަސަތު ފާހަގަ ކޮށްލެވެ އެވެ.
މީގެއިތުރުން މިމެޗްގައި ވިކްޓަރީން ޖެހި އެ ޓީމްގެ ހަތަރު ވަނަ ލަނޑު ފެނިގެން ދިޔައީ ދެ ވަނަ ހާފު ނިމެން އުޅެނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުން ނުކުތް ހަސަން އަދުހަމަގެ ފަރާތުންނެވެ. އެ ލަނޑު އަދުހަމް ވިކްޓަރީ އަށް ކާމިޔާބު ކޮށްދިނީ މެޗްގެ އިތުރު ވަގުތުގެ ތެރޭގަ އެވެ.
މިމެޗްގައި ވިޔެންސާގެ ކޯޗް އަދި ކެޕްޓަން އަހުމަދު ނާޒް (އާކޭ) އަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނު އިރު، މެޗްގެ 77 ވަނަ މިނެޓުގައި ރެފްރީ އަފީފް އަބްދުއްސަމަދު ވަނީ ވިޔެންސާގެ ހަސަން އިބްރާހިމަށް ދެ ރީދޫ ކާޑު ހަމަ ވުމުން ރަތް ކާޑު ދައްކައި ދަނޑު ފޮނުވާލައިފަ އެވެ.
މިމެޗުން ވިކްޓަރީ މޮޅުވުވެ 29 ޕޮއިންޓާ އެކު ތާވަލްގެ ދެވަނަ ލިބުނު އިރު، އެއް ވަނާގައި އުޅޭ ވީބީއަށް ލިބިފައި ވަނީ 31 ޕޮއިންޓެވެ. 22 ޕޮއިންޓާ އެކު ލީގުގެ ތިން ވަނަ ނިއުއަށް ލިބުނު އިރު، 18 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނާގައި އުޅެނީ މާޒިޔާ އެވެ. އަދި ފަސް ވަނާގައި އުޅޭ ޓީމްކީ 13 ޕޮއިންޓާ އެކު އޮތް އީގަލްސް އެވެ.
ޖުމްލަ އަށް ޓީމް ވާދަކުރާ ލީގްގެ ދެ ވަނަ ބުރުގެ ކުޅުން ނިމުމަކާހަމައަށް އަންނަ އިރު، ތާވަލްގެ އެންމެ ފުލުގައި އޮންނަ ދެ ޓީމް ރެލިގޭޝަން ކުޅެން ޖެހޭ އިރު، ރެލިގޭޝަނަށް މިހާރު ވެއްޓީފައިވާ އެއް ޓީމަކީ ހަ ޕޮއިންޓާ އެކު ތާވަލްގެ އެންމެ ފުލުގައި އޮތް ވިޔެންސާ އެވެ. އެގޮތުން ދެން ރެލިޣޭޝަނަށް ވެއްޓުމުގެ ބިރު ބޮޑުވެފައިވާ އަނެއް ދެ ޓީމަކީ އޭވައިއެލް އާއި ވެލެންސިއާ އެވެ.
ލީގުގެ ތިން ވަނަ ބުރަށް ކޮލިފައިވާނީ ގަދަ ހަ ޓީމެވެ.